21 ޖެނުއަރީ 2025

ރާއްޖޭން ކޮވިޑް ކޮންޓްރޯލް ކުރިގޮތް، ޗައިނާ ޓޫރިސްޓުންނަށް ލިބުުނު އިތުބާރެއް!

މިނިވަން
2 އަހަރު ކުރިން
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ޗައިނާ އަކީ ރާއްްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އޭރު ޗައިނާގެ ބޯޑަރު ބަންދުކޮށް، ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ އެކު އެކަން  ބަދަލުވި އެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން އެ ބަޔަކަށް އެންމެ ބޮޑަށް އިންތިޒާރުކުރާ ބަޔަކީ އަދިވެސް ޗައިނާގެ ޓޫރިސްޓުންނެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވެސް ދާދިފަހުން ވަނީ އެހެން ވިދާޅުވެފަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ހަރުކަށި ފިޔަވުތަކާ އެކު "ރަށުބަންދުން ވީއްލުނު" ޗައިނާ މީހުން އެންމެ ފުރަތަމަ ދާނީ ކޮން ތަންތަނަކަށްތޯ އުފައްދާ ސުވާލަކީ ހަމަ އެކަނި ރާއްޖޭގެ ސުވާލެއް ނޫނެވެ. ބައިނަލް އަގުވާމީ ބޮޑެތި މީޑިއާތަކުން ވެސް އެ ސުވާލު އުފެއްދި އެވެ. އެފަަދަ އެއް އެޖެންސީއަކީ އެމެރިކާގެ "ސީއެންއެން" އެވެ. ޗައިނާގެ ކަމާ ބެހޭ މާހިރުންނާ ސުވާލުކޮށް މައުލޫމާތު ހޯދައިގެން އެ އެޖެންސީން މިއަދު ޖެހި ރިޕޯޓެއްގައިވާ ގޮތުން، ޗައިނާ މީހުން އެންމެ ފުރަތަމަ ދަތުރު ފަށާނެ ކަމަށް ބެލެެވެނީ އަވަށްޓެރި ގައުމުތަކަށެވެ. އެއީ ކުރު ވައިގެ ދަތުރުތަކަށް ކުރަން ޖެހޭ ހަރަދު ކުޑަވީމަ އެވެ. އެ އުސޫލުން ކުރާ ދަތުރުތަކުގައި އެމީހުން ދާނެ ކަމަށް ބެލެވެނީ އަވަށްޓެރި ސިންގަޕޫރާއި ދެކުނުކޮރެއާއާއި ޖަޕާން އަދި ތައިލެންޑަށެވެ. އެކަމަކު އެގައުމުތަކަށް ކުރާނީ ވިޔަފާރީގެ ކަންކަމާއި ޒަރޫރީ އެހެން ކަންކަމަށް ކުރާ ދަތުރު ތަކެވެ. ހިތްހަމަ ޖައްސައިލަން ކުރާ ލެޝާ ދަތުރުތަކުގައި ޗައިނާ މީހުންގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އަދިވެސް ދިވެހިރާއްޖެ އެވެ. ޗައިނާގެ ޑްރެގަން ޓްރެއިލް އިންޓަނޭޝަނަލް ޑިޖިޓަލް މާކެޓިން އެޖެންސީގެ ޑިރެކްޓަރު ސިއެނާ ޕަރޫލިސް ކުކް ސީއެންއެންއަށް ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ފުދުންތެރި ދަތުރުވެރިން މިއަހަރު ކުރާ ދަތުރުތަކުގައި ގޮނޑުދޮށު މަންޒިލްތަކުގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ދިވެހިރާއްޖެ އެވެ. "ލަގްޒަރީ މާކެޓަށް އަދި ރީތި ގޮނޑުދޮށްތަކަށް ދާ މީހުންނަށް ކަމުދަނީ ދިވެހިރާއްޖެ. އަދި އެއީ އެހެން ތަންތަނާ އަަޅާ ބަލާއިރު ކޮވިޑްގެ އަަސަރުން އެންމެ އަވަހަށް އަރައިގަތްތަން. މިއީ ވެސް އެތަނުގެ މަޝްހޫރުކަން އިތުރުވި ސަބަބެއް،" ކުކް ވިދާޅުވި ކަމަށް ސީއެންއެންގެ ޚަބަރުގައި ވެ އެވެ. އެހެން ނަމަވެސް ހިތްހަމަ ޖައްސައިލަން ކުރާ ދަތުރުތައް ޗައިނާ މީހުން ފަށާނެ ކަމަށް ބެލެވެނީ މިއަހަރުގެ ދެވަނަ ކުއާޓަރުގަ އެވެ. އަހަރުގެ ދެވަނަ ކުއާޓަރު ފެށެނީ އޭޕްރީލް މަހު އެވެ. ޗައިނާ އައުޓްބައުންޑް ޓޫރިޒަމް ރިސާޗް އިންސްޓްޓިއުޓް (ސީއޯޓީއާރްއައި) ގެ ސީއީއޯ ޑރ. ވޮލްފްގޭންގް ޖޯޖް އާލްޓް ސީއެންއެންއަށް ވިދާޅުވެފައިވާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާ މީހުން ކުރާނެ ކަމަށް ބެލެވެނީ އަވަހަށް ކުރަން ޖެހޭ ޒަރޫރީ ދަތުރުތަކެވެ. އެއީ ވިޔަފާރި ދަތުރުތަކާއި އާއިލީ ބައްދަލުވުންތަކަށް ކުރާ ދަތުރުތަކާއި ތައުލީމީ ބޭނުންތަކަށް ކުރާ ދަތުރުތަކެވެ. އެހެން ނަމަވެސް ރާއްޖޭން ލަފާކުރާ ގޮތުގައި ޗައިނާގެ ޓޫރިސްޓުން މިމަހު ފަހުކޮޅު ރާއްޖެއަށް އަންނަން ފަށާނެ އެވެ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިމަހުގެ ތިން ވަނަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ޓުއާ އޮޕަރޭޓަރުން މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ ފަހުކޮޅުގައި ރާއްޖެއަށް އެގައުމުގެ ޓޫރިސްޓުން ފޮނުވަން ފެށުމަށެވެ. ޔަގީންވާ ކަމަކީ ޗައިނާގެ ޓޫރިސްޓުން އެންމެ އިތުބާރުކުރާ ތަނަކީ ރާއްޖެ ކަމެވެ. އެހެންވީމާ އަހަރުގެ ދެވަނަ ކުއާޓަރުގައި ދަތުރުތައް ފެށިޔަސް، ނުވަތަ މިމަހު ފަހުކޮޅުގައި ދަތުރުތައް ފެށިޔަސް، ރާސްލާފައި އެމީހުން އަންނާނެ އެއް ތަނަނީ ރާއްޖެ އެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙