logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން ސުޕްރީމްކޯޓުގެ ހުކުމެއް

2019 ވަނަ އަހަރު ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާއި ހިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭ ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތައިދުކޮށްފިއެވެ.

ހައި ކޯޓާއި، ކްރިމިނަލް ކޯޓާއި، ސުޕްރީމް ކޯޓާއި، ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ އެ މުވައްޒަފުން ވަނީ ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ވަޒިފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައެޅުމުން ޓްރައިބިއުނަލުން ވަނީ އެ މުވައްޒަފުން ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާ އިން ވަކިކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށާއި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

މުވައްޒަފުން ވަކިކުރި މައްސަލައިގައި މުވައްޒަފުން ވަނީ އެ ވަޒީފާތައް އަލުން ދިނުމަށް އެދިފައެވެ. އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެންގީ 10 މުވައްޒަފުންގެ ވަޒީފާ ވެސް އަލުން އިޔާދަކޮށްދޭން ޖެހޭ ކަމަށާއި އެގޮތަށް ކަނޑައެޅީ ދައުވާ ކުރާ އެކެއްގެ ވަޒީފާ އިޔާދަކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ނިންމާފައި އޮތުމުންނެވެ.

އެންމެ މުވައްޒަފެއްގެ ވަޒީފާ އިޔާދަކުރުމަށްފަހު އެހެން މުވައްޒަފުންގެ ވަޒީފާ އިޔާދަކޮށް ނުދިނުމަށް ގަބޫލުކުރެވޭ ސަބަބެއް ޖޭއެސްސީއަށް ކޯޓުގައި ބަޔާންކޮށްދެވިފައިނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެކެއްގެ ވަޒީފާ އިޔާދަކޮށް އެހެން މީހުންގެ ވަޒީފާ ނުދޭން ނިންމުމަކީ އެ ކޮމިޝަނަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ވެސް ހުކުމްގައި ވަނީ ބުނެފައެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކި ކުރުމާއި އިދާރީ ފިޔަވަޅު އެޅުމަކީ ޑީޖޭއޭ އަށް މަތިކޮށްފައިވާ ބާރެއް ކަމަށާއި އެ ބާރު ހެޔޮ ގޮތުގައި ތަންފީޒު ކުރަން އެ އިދާރާއަށް ސީދާ ބާރުތަކާއި ނުސީދާ ބާރުތައް ލިބޭނެ ކަމަށެވެ.

އެހެންކަމުން ކޯޓުތަކުގައި ދައުވާ ކުރުމާއި ލިބިގަތުމުގެ ބާރު ޑީޖޭއޭއަށް އޮންނާނެ ކަމަށާއި އަދި މި މައްސަލާގައި ޑީޖޭއޭ ކޯޓުގައި ތަމްސީލް ކުރަން ޖޭއެސްސީއަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާ ކަމަށް ވެސް ފަނޑިޔާރު މަހާޒް އަލީ ވިދާޅުވިއެވެ.

މި މައްސަލާގައި މުވައްޒަފުންނަށް އަނެއްކާވެސް އިތުރު ގެއްލުންތަކެއްވާތީ މައްސަލަ ނިންމަން ފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *