logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ހަފީޒާ 1ވަނަ ބައި

(1ވަނަ ބައި)

އުޑުމަތި ސާފު ރީތި ދުވަހެއްގެ ފުރަތަމަ ދަމެވެ. ގަމުގެ ހިތްގައިމު ތުނޑިއާއި ގޮނޑު ދޮށުގައި މީހުން ހޭލަމޭލަ ވަމުން ދެއެވެ. އެކި މީހުން އެކި މަސައްކަތުގައެވެ. އެއްބަޔަކު ބޮނބިތަޅަނީ އެވެ. އަނެއް ބަޔަކު ތިބީ ޖޯލިފަތިތަކުގައި ރޯނު ވަށާށެވެ. މެދު އުމުރެ ބައެއް ފިރިހެނުން ހޮޅުއަށީގައި ދުނިޔެވީ ވާހަކައިގައި ތިއްބެވެ. ހުކުރު ދުވަހުގެ ހެނދުނު ކަމުން މަހަށް ނުފުރާތީ ރަށު ތެރޭގައި ހޭލަ މޭލަވުން އިތުރެވެ.

މައިން ބަފައިން މަސައްކަތުގެ ތެރެއަށް ގެއްލިފައި ތިބި އިރު، ކުޑަކުދިންތައް އުޅުނީ ގޮނޑުދޮށާއި ހޭޅިފަށުގައި ކުޅޭށެވެ. އެއްބައި ކުދިން ފަންކުޅެނީއެވެ. އަނެއްބައި ކުދިން ހިރުނދު ގަސްތަކާއި ދިއްގާގަސްތަކަށް އަރައި އެހެން ކުޅިވަރެއް ކުޅެނީއެވެ. ވައި ހިނދި އޮމާންވެފައި އޮތް ދުވަހެއް ކަމުން މުޅި ޖައްވުގައި ގުގުމަމުން ދިޔައީ ކުދިވެރިންގެ ހުނުމާއި ހަޅޭކުގެ އަޑާއި، އަންހެންވެރިން ބޮނބިތަޅާ އަޑައެވެ. އުތުރުން ވެލާ މަޑުމަޑު ރޯޅިއެއްގައި ލަސްލަހުން ރުއްތަކުގެ ފަންތައް ހެލިލާއިރު ރާރުއްތަކުގެ ފަންތަކުގައި އެލުވާފައި ހުރި ބިއްލޫރި ފުޅިތައް އެއްފުޅި އަނެއްފުޅިޔާޖެހި އުފެދޭ އަޑުން މިޔުޒިކެއްގެ ހަމައެޅިފައިވެއެވެ. ރަށްފުށުގެ އެހިތްގައިމު މާހައުލަކީ، އެރަށްތަކުގައި ވަޒަންވެރިވެ ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ އެއްބައެވެ.

އަތިރިމަތީގައި ކުޅެން އުޅުނު ކުދިންތަކުގެ ތެރޭގައި ހަފީޒާވެސް ހުއްޓެވެ. އުމުރުން 9 އަހަރުގެ ހަފީޒާވެސް އެއްފުރާގެ ކުދީންނާއި އެކު ފަންކުޅެ ދުވެ ދުވެ އުޅުނެވެ. ވީއްލިފައިވާ މިނިވަން މާހައުލެއްގައި އެކުދިންގެ އުފާވެރިކަން ދެކޭ މީހަކަށް ފެންނާނީ ދުނިޔެ މަތީގެ ރީތި މަންޒަރެއްގެ ގޮތުގައެވެ. އަންހެންކުދިން ފަންކުޅެ އުޅުނު އިރު ގަސްގަހަށް އަރައި އެފުރާގެ ފިރިހެން ކުދިންވެސް ކޮންމެވެސް ކުޅިވަރެއް ކުޅެއެވެ.

ހިރުނދުގަހުގައި އޮތް އާލިމް ހަފީޒާއާއި ދިމާއަށް އެއްލީ ހިރުނދު ކާއްޓެކެވެ. އުމުރުން 12 ވަރަކަށް އަހަރުގެ އާލިމަކީ ހަފީޒާ މެންގެ ގޭދޮށު ކުއްޖެކެވެ. އެދުރުދައިތަ ގެއަށް ޤުރުއާން ކިޔަވަން އެކުގައި ގޮސް އުޅުމުގެ ތެރޭގައި އެކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ރައްޓެހިވެ ގާތްކަން އުފެދުނެވެ.

އާލިމް އެއްލި ހިރުނދު ކާށިން ހަފީޒާގެ ގަޔަކު ނުޖެހުނެވެ. އެކަމަކު އެ ހިރުދުކާށި އެއްލީ އާލިމްކަން އެނގުމުން ހަފީޒާވެސް އަތަށް ދޮންވެލިމުށްވަރެއް ނަގާފައި އުކައިގަތީ، ގަހުގައި އޮތް އާލިމް އާ ދިމާއަށެވެ. އެކަމަކު އެވެލިތައް ވަޔާއެކު ބުރައިގެން ދިޔައީ ހޮޅުއަށީގައި އޮތް ސަންފާބޭގެ މޫނަށެވެ. އޭނާ ލަވައިގަތީ ހަޅޭކެވެ.

ހަފީޒާ ގަތް ބިރުން ދުއްވައިގައިތީ މޫދުން ތެލިތައް ކިހިލި ޖަހައިގެން އެއްގަމަށް އައި މަންމަ އައިމިނަ އާއި ދިމާއަށެވެ.

"މިހާރު ކޮންކަމެއް ކޮށްފައި ތިޔަ އައީ!" ދުވެފައި އައި ހަފީޒާ އަރާ ހަމަވުމުން އައިމިނަ ބުންޏެވެ.

މޫނުން ވެލިފޮޅަމުން ސަންފާބޭވެސް އައީ އެމީހުންނާއި ދިމާއަށެވެ. އެއީ ރުންކުރު މީހެކެވެ. ސިފަޔާއި ބުރުސޫރައިގެ ގޮތުންވެސް އޭނާ އެންމެ ވައްތަރުވަނީ އެފްރިކާ ބައްރުގެ މީހަކާއެވެ. އަޑުވެސް އެހާމެ ބަރެވެ. ފަސްދޮޅަކުން މައްޗަށް ގޮސްފައި ހުރި ސަންފާބޭއަކީ އެރަށުގައި ކުޑަކުދިންވެސް އޭނާ ދެކެ ބިރު ގަންނަ މީހެކެވެ. އަނބިމީހާ މަރުވި ފަހުން އެކަނި ގޭގައި ދިރިއުޅޭ ސަންފާބޭވެސް ގިނަ ވަގުތު ހޭދަ ކުރާނީ ރަށުތެރެއާ އަތިރިމަތީގައެވެ. އޭނާ އާއި މެދު ރަށުތެރޭގައި އަރާފައި އޮންނަ އަޑުތަކުގެ ސަބަބުން މީހުން އޭނާއާއި މާބޮޑު ގާތްކަމެއް ނުބާއްވައެވެ. އަދި ޚާއްޞަކޮށް ކުޑަކުދީން އޭނާ އާއި ދުރުކޮށްގެން ގެންގުޅުމަށް މައިން ބަފައިން މަސައްކަތް ކުރެއެވެ.

"މީހާދަ ނުލަފާ ކުއްޖެކޭ! މަގޭ ލޮލަށް ބޮލަށް ވެލި ޖަހާފައޭ އެއައީ." އައިމިނަގެ ކުރިމައްޗަށް ހުއްޓެމުން ސަންފާބޭ ބުންޏެވެ. ގަތްބިރުން ހަފީޒާ މަންމަގެ ލިބާހުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރެ ވަނީ މަންމަގެ ނިވަލަށެވެ.

"ދެން ކުދިން ކުޅެން އުޅޭ އިރު އެހެން ވެދާނެ! ގަސްދުގައެއް ނުޖަހާނެ އެއްނު." އައިމިނަ ހަފީޒާ ދިފާޢުކުރިއެވެ.

"އޭނަ އެއީ ކުޑަކުއްޖެއްތަ! ބޮޑު އަންހެނަކަށް ވެފަ އެހުރީ. އަދިވެސް އެދުވަނީ މީހުންގެ ގަޔަށް ލޮލަށް ބޮލަށް އަރަމުން." ސަންފާބޭގެ ބަރު އަޑުން ރުންކުރު ރާގަކަށް ބުންޏެވެ.

"ތިޔަ ދެން މާ ކަންތައް ބޮޑު ކުރަނީ، އެމަންޖެ އެގަހުގައި އެއޮތް ވަފިއްޔާގެ ސޮރާއި ދިމާއަށް އެއްލި ވެލިމުށެކޭ އެއީ، އަހަރެން މިތާ އިން އިރު ދުށީމޭ. ދެން ސަންފާބޭވެސް ޖެހޭތަ ތިޔަހާ ކަންތައް ގަނޑު ބޮޑުކޮށްލަން." އައިމިނަގެ އަވައްޓެރިޔާ ހަސީނާ ވަށަން އިން ރޯނުފަށް ނަގައި އެލާލާފައި ތެދުވަމުން ބުންޏެވެ.

ހަސީނާ އެހެން ބުނުމުން ސަންފާބޭ އެއްޗެއް ނުބުނެ ހިނގައި ގަތެވެ. އެކަމަކު އޭނާ ހަފީޒާއާ ދިމާއަށް ކަޅިއަޅައިގަތް ގޮތުން ހަފީޒާގެ މޭ ދިޔައީ ބިރުން ފިނިވެގެންނެވެ.

"ކަލެޔާ ހެދި ވާކަންތަކޭ މީ! އާލިމް ގަނޑާ!" މަންމަޔާއި އެކު އެއްގަމަށް ދަމުން ގަހުން ފޭބި އާލިމާއި އަރައި ހަމަވެފައި ހަފީޒާ ބުންޏެވެ. އާލިމް ޖަހާލީ ހިނިގަނޑެކެވެ. އެއްފުރާގެ ކުދީންނާއި އެކު އޭނާ ދުއްވައިގަތީ ދެން މޫދާއި ދިމާއަށެވެ."އާދޭ މޫދަށް ދާން!" އާލިމް ހަފީޒާއަށް ގޮވާލިއެވެ.

ހަފީޒާ ބަލާލީ މަންމަގެ މޫނަށެވެ. މަންމަ ހަމައެކަނި ދެލޯ ބޮޑުކޮށްލުމުންވެސް އެބުނީ ނޫނެކޭކަން ހަފީޒާއަށް އެނގުނެވެ. އޭނާ ތުންފިއްތާލީ އެހެންވެއެވެ.

ސްކޫލު ކުދިންނަށް މޫދަށް އެރެން ހުއްދަ އޮންނަނީ ހުކުރު ދުވަހުގެ ހެނދުނު 9:00ން 11:00އަށެވެ. އެހެންވެ އެގަޑިއަކީ ރަށުގެ ހުރިހާ ކުދިންވެސް އިންތިޒާރު ކުރާގަޑިއެކެވެ. އާއްމުކޮށް ރަށުގެ ހުރިހާ ކުދިންވެސް މޫދަށް އެރޭނީ، ތުނޑީކޮޅަށެވެ. ކުޑަކުދިން ފިނޮޅު މަތީގައި އުޅޭ އިރު، ފުރާވަރުގެ ކުދިންތައް އުޅޭނީ ވިލުތެރޭގައެވެ.

އިރުވައިގެ ހަޅަ ޖަހާ ދުވަސްވަރު ކަމުގައި އަންހެންކުދިން ގިނަ އިން މޫދަށް އެރޭނީ، ދެމޫސުމަށް ދައުރުވާ ތުނޑީގެ ފަސްގަނޑުން އުފެދޭ ބިއްސާވެއްޔަށެވެ. ބޭންގާއި ބޫރިޔާ އަދި ކުދި އުނިޔަ ދިޔަވަރު ހިކިއިރު އެފެންގަނޑުގެ ތެރޭގައި ބެދިފައި ތިބޭނެއެވެ.

"މިހާރު ތިޔައީ، އެހެން މޫދަށް ގޮސް އުޅޭ ވަރަށް ވުރެ ބޮޑު ކުއްޖެއް!" ހަފީޒާގެ ތުންފިތާލުމަށް އައިމިނަ ދިނީ އެޖަވާބެވެ.

ހަފީޒާ ހުއްޓުނެވެ. މަންމަގެ ލިބާހުގެ ފަސްބައިން އަތް ދޫކޮށްލިއެވެ. އޭނާ ބޭނުންވީ މޫދަށް ދާށެވެ. އަދި އެއްފުރާގެ ކުދިންނާއި އެކު ކުޅެ މަޖާކޮށް ނުހަދާހައި އޭނާ ބޮޑެއް ނުވެއެވެ.

އައިމިނަވެސް ހުއްޓުނެވެ. އަދި ހަފީޒާގެ އަތުގެ ކުޑަހުޅުމަތީގައި ހިފައްޓާފައި ހިނގާށޭ ބުނާ މޭރުމުން އޭނާގެ އަތަށް ދަމާލިއެވެ. ހަފިޒާ ހަމަ ހުރިތަނުގައި ގައުވެފައި ހުރީއެވެ.

"މޫދަކަށް ނުދެވޭނެ މިއަދަކު! ބޮޑު މީހަކާއެކު ނޫނީ ނުފޮނުވޭނެ!" އައިމިނަ ހަފީޒާއަށް ސަބަބު ވިސްނައި ދިނެވެ.

"މަސައްކަތެއް ކުރަންވީމާ ބޮޑު މީހެއް! މަންމަ ބުނާ ކަމެއް ކުރަންވީމާ ވަނީ ބޮޑު ކުއްޖަކަށް. އަހަރެން މޫދަން ދާން ބޭނުންވީމާ ވަނީ ކުޑަކުއްޖަކަށް." ހަފީޒާ ދިނީ އާދަޔާ ޚިލާފު ޖަވާބެކެވެ.

" އެހެންވާންޖެހޭ ސަބަބުވެސް ބުނެދޭނަން، ހިނގާ ގެއަށް!" އައިމިނަ ބުންޏެވެ.

އައިމިނަ އަކީ، ތުނޑީ ސްކޫލުގެ ޕްރައިމަރީ ޓީޗަރެކެވެ. އެވަޒީފާގައި އޭނާ އުޅޭތާ 16 ވަރަކަށް އަހަރުވެއްޖެއެވެ. ދިރިއުޅުމާއި ވަޒީފާގެ ތެރެއިން އޭނާއަށް ކުދިން ގެންގުޅޭނެ ގޮތް ކިތަންމެހާވެސް ރަނގަޅަކަށް ދަސްވެއްޖެއެވެ. އެހެން ނަމަވެސް އަވައްޓެރިންނާއި ރަށުގެ އެހެން މީހުންގެ ދަރިން ދިރިއުޅޭ ވީއްލިފައިވާ މިނިވަން ދިރިއުޅުމާއި މެދު އައިމިނަ ކަންބޮޑުވެގެން ވާހަކަދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. ބެލެނިވެރިންނާއި ބައްދަލުކޮށް ވަކިވަކި ކުދިންގެ ވާހަކަތައްވެސް ދެއްކިއްޖެއެވެ. އޭގެ ތެރެއިން އެއްކުއްޖަކީ އާލިމެވެ.

އައިމިނަ އަތުގައި ހިފައިގެން އެއް ގަމަށް ހިނގައި ގަތް އައިމިނައަށް ހުއްޓެވުނީ، ގޮނޑު ދޮށުން ކުދިންތަކެއް ރޮއެ ހޭރިގެންފައި ހަޅޭ ލަވައިގަތް އަޑަށެވެ. މަންމަގެ އަތް އަތްފޮޅުވާލާފައި އެދިމާއަށް އެންމެ ބާރަށް ދުއްވައިގަތީ ހަފީޒާއެވެ. އޭނާއަށް މާދުރުންވެސް އާލިމްގެ އަޑު ފާހަގަވެއްޖެއެވެ.

އައިމިނަވެސް ކިހިލީގައި ހުރި ތެލިތައް ކައިރީގައި ހުރި ރުއްބުޑަށް ޖަހާފައި، އެއްއަތުން ހެދުން ކޮށިކޮށްލަމުން ދުއްވައިގަތީ، ހަފީޒާގެ ފަހަތުންނެވެ. ހޭޅިފަށުގައި ތިބި މަސައްކަތްތައް ކުރަން ތިބި އަންހެނުންނާއި ފިރިހެނުންވެސް އެމީހެއްގެ އަތުގައި އޮތް އެއްޗެއް ދޫކޮށްލާފައި ދުއްވައިގަތީ ތުނޑީ ފިނޮޅާއި ދިމާއަށެވެ. އޭރު ފިނޮޅުގެ ދިޔަރެސް މަތީގައި ކުއްޖަކު ތެޅި ފޮޅޭ މަންޒަރާއި، އެހެންކުދިން ދުރަށްޖެހި ބިރުން ހަޅޭލަވާ މަންޒަރު ފެނެއެވެ.

 

(2ވަނަބައި 4 އޮކްޓޯބަރ 2024 ވާ ހުކުރުދުވަހު)

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *