logo minivan

English

ހުކުރު, 19 އޭޕްރިލް 2024

ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތްކުރުން: ރައީސުލްޖުމްހޫރިއްޔާ

ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވައި ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ޙާލަތްތަކުގައި ރައްޔިތުންގެ ޙިމާޔަތުގައި ސިފައިން ތިބެން ވާނެކަން ފާހަގަކުރައްވާފައެވެ.

ދިވެހިންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަންކަމަށާއި މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު ޢަސްކަރީ ހުނަރުގެ ޙަޤީޤީ ބޭނުން ޤައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް ކަމަށް ފާހަގަކުރައްވައި ދިވެހި ސިފައިންވެސް މިދާއިރާއިން ވިސްނުން ގެންގުޅެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންގެ ޚިދުމަތަށް، ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާކަމަށާ އަދި ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ވެސް ދިވެހި ޢަސްކަރިއްޔާގައި ހުޅުވިފައިވާކަމުގައެވެ.

ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްހަ ދެމެހެއްޓުމަށްކަން ފާހަގަކުރައްވައި މިސަރަޙައްދުގެ ޢަސްކަރިއްޔާތައްވެސް އިސްކަންދެނީ ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ޢަސްކަރިއްޔާވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެއެވެ. މި ދަރިވަރުންނަށް ހުވާ ލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ސުލައިމާން މުޙައްމަދެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *