logo minivan

English

ހުކުރު, 19 އޭޕްރިލް 2024

ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްޤީގައި ރަށްރަށް ތަރައްޤީކޮށް ކުރިޔަށްގެންދިއުން: ރައީސުލްޖުމްހޫރިއްޔާ

ލާމަރުކަޒުކޮށް ރާއްޖެ ތަރައްޤީކުރުމަކީ ޚަރަދުބޮޑު ބުރަ މަސައްކަތެއް ނަމަވެސް މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްޤީގައި ރަށްރަށް ތަރައްޤީކޮށް ކުރިޔަށްގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބިނާވެށި ޕްލޭން ހެދުމުގައި ކުރިމަތިވާ ދަތިތަކުގެ މައްސަލައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ ކަމުގައިވީނަމަވެސް ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިމުނު އިރު އެކަން ބަދަލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އުކުޅަހު ކޮންފަރެންސުގައި ނިންމި ނިންމުންތަކަށްފަހު ކައުންސިލުތަކުން ބިނާވެށި ޕްލޭންތައް މިހާރު ހަދަމުން އަންނަކަމަށާއި މިހާރު ކުރަންޖެހޭކަމަކީ ބިނާވެށި ޕްލޭންތަކަށް ހުއްދަދެވޭނެ އަވަސް ގޮތްތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޕްލޭންގެ ބައިބަޔަށް ވަކިން ހުއްދަދެވޭ ކަހަލަ ގޮތަކަށް ހަމަޖެއްސުމާއި ބެހޭގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ދެކެވުނު ވާހަކަތަކަކީ ވަރަށްބޮޑު ބުރަދަނެއް ހުރިވާހަކަތަކެއްކަން ފާހަގަކުރައްވައި އެ ކޮމެޓީތަކަށް މާލީގޮތުން ހުރި ދަތިތަކާއި ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމު ކޮށްދިނުމުން ވެސް، އ.ތ.މ. ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމުގައެވެ. ހަމަ އެހެންމެ އ.ތ.މ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރާގޮތަށް މެންބަރުން އިންތިޚާބުކުރާ ތަނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުމަށާއި އަދި އެއީ ޤާނޫނަށް ބަދަލެއް ގެންނަންޖެހޭ ކަމެއްތޯ ބެލުމަށްފަހު އެކަން ޙައްލުކުރުމަކީ ވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހަޅައި މަޝްވަރާކުރެވުނު ގޮތަށް، ބްލޮކް ގްރާންޓް ދިނުމުގައި މަހުން މަހަށް ދިނުމުގެ ބަދަލުގައި އަހަރުގެ ތެރޭގައި 4 ބަޔަށް ބަހާލައިގެން ދޫކުރާގޮތަށް އަންނަ އަހަރު ބަޖެޓު ދެމުންގެންދާއިރު ބަދަލުގެންނަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮކް ގްރާންޓް ދިނުމުގައި ހުރިހާ ރަށަކަށް އެއްހަމައަކުން ދޭ އުސޫލުގެ ބަދަލުގައި ވަކިވަކި ރަށްރަށުގެ ޙާލަތައް ބަލައިގެން އެންމެ އެކަށޭނެ މިންވަރެއް އެރަށްރަށަށް ނުވަތަ ސިޓީތަކަށް ލިބޭގޮތަށް ބަދަލު ގެންނަންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ކޮންފަރެންސްގައި މަޝްވަރާކުރެވުނު މުހިންމު ކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބޭއްވުނު އިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ، ދ. ތ. ލ. ގއ. ގދ. ގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީކައުންސިލާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *