logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕޯޗުގަލް ބަލިކޮށް ސްޕެއިން ގަދަ 4ގެ ޖާގަ ޔަގީންކޮށްފި

މެޗުގެ ފަހު ވަގުތު އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ގޯލުން ޕޯޗުގަލް ބަލިކޮށް ޔުއެފްއާ ނޭޝަންސް ލީގުގެ ގަދަ ހަތަރަކުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ސްޕެއިން ނޭޝަންސް ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ޖާގަ ހޯދީ ލީގް އޭގެ ގްރޫޕް 2ގެ އެއްވަނަ ހޯދައިގެންނެވެ.

ސްޕެއިންއަށް އެއްވަނަ ލިބުނީ ޕޯޗުގަލް އެކެއް ސުމަކުން ބަލިކޮށް ޕޯޗުގަލްއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިމެޗު އެއްވަރު ކޮށްލައިގެންވެސް ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއަށް ހޯދެން އޮތްއިރު ސްޕެއިން މެޗުން މޮޅުކޮށްދިން ލަނޑު މޮރާޓާ ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައެވެ.

މިނަތީޖާ އާއެކު ސްޕެއިން ގަަދަ ހަތަރެއްގެ ޖާގަ ޔަގީންކުރި އިރު ސްޕެއިން އާއެކު ދެން ގަދަ 4 އަކުން ޖާގަ ހޯދާފައިވަނީ ކްރޮއޭޝިއާ އާއި ނެދަލޭންޑްސް އަދި މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ނުވި ވަރުގަދަ އިޓަލީއެވެ.

ލީގް އޭގެ 4 ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ ޓީމް ސެމީފައިނަލަށް ދަތުރުކުރި އިރު މި ގްރޫޕްތަކުގެ ފުލުގައި އޮތް ޓީމުތައް ވަނީ ލީގް ބީ އަށް ރެލިގޭޓް ވެފައެވެ. މިގޮތުން ގްރޫޕް 1 އެއްވަނަ ކްރޮއޭޝިއާ ހޯދިއިރު މި ގްރޫޕުން ރެލިގޭޓް ވެފައިވަނީ އޮސްޓްރިއާއެވެ. މި ގްރޫޕްގައި ދެން ހިމެނުނީ ދެވަނަ ހޯދި ޑެންމާކް އާއި ތިންވަަނަ އަށްދިޔަ ދުނިޔޭގެ ޗެމްޕިއަންނުން ފްރާންސްއެވެ.

ގްރޫޕް 2 އެއްވަނަ ސްޕެއިން ހޯދިއިރު ދެވަނަ ލިބުނީ ޕޯޗުގަލްއަށެވެ. ސްވިޓްޒަލޭންޑް ތިން ވަނަ ހޯދިއިރު ގްރޫޕްގެ ފުލުގައި އޮވެގެން ލީގް ބީ އަށް ރެލިގޭޓްވީ ޗެކްރިޕަބްލިކްއެވެ.

އިންގްލޭންޑާއި ޖަރުމަން އަދި އިޓަލީ ހިމެނުނު ވަރުގަދަ ގްރޫޕް 3 ގެ އެއްވަނަ އިޓަލީ ހޯދީ ދެވަނައިގައި އޮތް ހަންގަރީއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އިޓަލީ އެގާރަ ޕޮއިންޓް ހޯދި އިރު ދެވަނައިގައި އޮތް ހަންގަރީއަށް ލިބުނީ 10 ޕޮއިންޓެވެ. ޖަރުމަން 7 ޕޮއިންޓާއެކު ތިންވަނަ ހޯދިއިރު އެންމެ ފުލަށް ދިޔަ އިންގްލޭންޑަށް ލިބުނީ ތިން ޕޮއިންޓެވެ. ގްރޫޕްގައި ކުޅުނު 6 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ނުވެވުނު އިންގްލޭންޑް ވަނީ ލީގް ބީ އަށް ރެލިގޭޓްވެފައެވެ.

ލީގް އޭގެ ގްރޫޕް 4 ގައި ނެދަލޭންޑްސް އާއެކު އޮތީ ބެލްޖިއަމް، ޕޮލެންޑް އަދި ވޭލްސްއެވެ. މިގްރޫޕްގެ އެއްވަނަ ނެދަލޭންޑްސް ހޯދި އިރު މި ގްރޫޕުން ރެލިގޭޓް ވީ ވޭލްސްއެވެ.

މިފަހަރުގެ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތައް ނިމުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިހާރު ޕްރިމިއަރ ލީގުގައި އެންމެ ރަނގަޅު ފޯމުގައި ހުރި ދެ ފޯވާޑުން ކަމުގައިވާ ސާބިއާގެ މިޓްރޮވިޗް އާއި ނޯވޭގެ ހާލަންޑްއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 6 ލަނޑު ޖަހާފައެވެ.

ޔުއެފްއާ ނޭޝަންސް ލީގުގެ ބާކީ އޮތް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވޯލްޑް ކަޕަށްފަހު މިއަންނަ އަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *