logo minivan

English

އާދިއްތަ, 23 ޖޫން 2024

އަސާސީ ޚިދުމަތްތައް ޤާއިމްކުރެވިގެން ދިޔުމާއެކު އިތުރު ތަރައްޤީ ފިނޭއަށް ލިބިގެންދާނެ: ރައީސުލްޖުމްހޫރިއްޔާ

އަސާސީ ޚިދުމަތްތައް ޤާއިމްކުރެވިގެން ދިޔުމާއެކު އިތުރު ތަރައްޤީ ފިނޭއަށް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ފިނޭ ބަނދަރު ސަރަޙައްދުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހދ. ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައެވެ. އަދި، ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވިއެވެ. ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމް ކުރެވުމާއި އެކު، ތަރައްޤީގެ އިތުރު ފުރުޞަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮތުމާއި، ދަތުރުފަތުރުގެ ނިޒާމާއި އެކު، ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ފުރުޞަތުތައް ހުޅުވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެ ކުރިން، ފިނޭގެ ރައްޔިތުން ތަޙައްމަލް ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފިނޭގެ ތަރައްޤީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢަށް ސަރުކާރުން ޙާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފިނޭގައި ތަރައްޤީކުރެވުނު އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އާ ކަރަންޓްގެ ވިއުގަ އިފްތިތާޙްކޮށްދެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޖީނުގެއާއި އޮފީސް ޢިމާރާތް ވެސް ބައްލަވާލައްވާފައެވެ.

ހދ. ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެ އެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި، އިންޖީނުގެ ހުރުމުން އިންޖީނުގެ އަޑާއި، އަރާ ދުމާއި، ގެނދަބުޅީގެ ސަބަބުން އާއްމު ރައްޔިތުންނަށް އޮތީ އެކަން ވަރަށް ބޮޑު ތަކްލީފަކަށް ވެފައެވެ. ފިނޭގައި ޢިމާރާތްކުރި އާ އިންޖީނުގެއިން، 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭއިރު، ރަށުގެ ކަރަންޓް ނެޓްވޯރކް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ.

ހދ. ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފިނޭގައި މި އަހަރުގެ އޮގަސްޓް މަހު ފެނުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަރުދަމާގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *