logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރާއްޖެއިން ބަޙްރައިނާއެކު ގުޅުން ބަދަހިކުރުމާގުޅޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާ ބަޙްރައިންގެ ގުޅުން ބަދަހިކުރުމާގުޅޭ 4 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ.

ދެ ޤައުމުގެ ދެމެދު މި އެއްބަސްވުންތައް ބަދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" އަކީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެޤައުމުގެ މެދުގައި ޚިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ. އަދި "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮރމޭޝަން އެންޑް ޑޮކިއުމެންޓޭޝަން" ގެ ނަމުގައިވެސް އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. މިއީ ބަޙްރައިންގެ މުޙައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެނުނު އެއްބަސްވުމެކެވެ.

މިއަދު ބަދަލު ކުރެވުނު ތިންވަނަ އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" އެވެ. މިއީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

މީގެ އިތުރުން މިއަދު ވަނީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކްލައިމެޓް ޗޭންޖް"، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްވެސް ބަދަލު ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއް ވެސް އިޢުލާނު ކުރައްވާފައެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑާޓާތަކުގެ ސިޔާދަތީ ބާރު، ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާ ވަނީ ޤުޟައިބިއްޔާ ގަނޑުވަރުގައި ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ދެކަނބަލުންނާއި ދިވެހި ވަފްދުގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާ ރަސްމީ ޖާފަތެއް ބާއްވަވާފައެވެ. މި ޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ބަޙްރައިންގެ މަނާމާގައި ހުންނަ އަލް-ގުދައިބިއްޔާ ޕެލަސްގައެވެ.

ބަޙްރައިނާއި ދިވެހިރާއްޖެއާ ދެމެދު މިއަދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައި ވެއެވެ. ރައީސުލްޖޫމްހޫރިއްޔާ ވަނީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ވަކިން ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގެ ވެރިޔަކު އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *