logo minivan

English

ހޯމަ, 15 އޭޕްރިލް 2024

ޤައުމިއްޔަތެއް ދިރުވާ އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން: ރައީސުލްޖުމްހޫރިއްޔާ

ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ޤައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިއީ ޤައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރިކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ކޮންމެ މީހަކީވެސް ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިޙަފްލާފަދަ މިފަދަ ކޮންމެ ޙަފްލާއަކީވެސް ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާމެދު ވިސްނައި އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނުން ހިންގެވުމަށް މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްތިޢުމާރީ އަޅުވެތިކަމުން، ރާއްޖެ ސަލާމަތްކުރުމާއި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުމަށް އުތީމު ތިން ބެއިންނާއި ދެހާޖީންނާއި ދަންޑަހެލު ކުރި ޤައުމީ ޖިހާދުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އަދި، ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ޙަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމުގައެވެ. އެހެންކަމުން މި ފިކުރީ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމާއި އަދި ޅަދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިޖަލްސާގައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށާއި މި ޖަލްސާގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *