logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޑިޕްރެޝަނަށް ދިއުމަކީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން: މުފްތީ މެންކް

ޑިޕްރެޝަނަށް ދިއުމަކީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެ އިންސާނަކަށްވެސް ދިމާވެދާނެ ކަމެއްކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.

މުފްތީ މެންކް މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުހުގައި ވާހަކަދައްކަވަމުންނެވެ. "ޑިޕްރެޝަން, އެންޒައިޓީ އެންޑް ސްޓްރެސް” މި މައުޟޫއަށް ކުރިއަށް ގެންދެވި ދަރުހުގައި އޭނާ ވިދާޅުވީ މާތް ﷲ ފަރުމާކުރައްވާފައިވާ ސިސްޓަމާ އެއްގޮތަށް ހުރިހާ ކަމެއް ކުރާނަމަ, މީހާ ބާރުވެރިކުރުވައި، ނުރަނގަޅު މާހައުލުތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކުން ވެސް ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ. މުފްތީ މެންކް ވިދާޅުވީ މާޔޫސްކަމާއި ކުރިމަތިވެފައިވާ މީހާއަށް އެހީތެރިވާންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އެހީވާ މީހާއަށްވެސް އެތައް ދަރުމައެއް ލިބޭނެ ކަމަށެވެ. އަދި ދަރިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް މައިންބަފައިން ސަމާލުކަންދޭންޖެހޭ ކަމަށާއި ދަރިން މައިބަފައިންނާ ވާހަކަދައްކަން ބޭނުންވާ ނަމަ، އެ ކުދިން ދައްކާ ވާހަކަ އަޑުއަހަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއާ ހިލާފުވެ, ޑިޕްރެޝަނަށް ދިއުމަކީ އެއީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން. އޭގެ ބަދަލުގައި ތިމާގެ އަގީދާ ވަރުގަދަ ނަމަ އެފަދަ ކަންކަމުން ރައްކާތެރިކޮށްދޭނެ. މާޔޫސްވެ, ޑިޕްރެޝަނާއި އެންޒައިޓީ އަދި ސްޓްރެސްވާ މީހުންނާ ދިމާލަށް އޭނާގެ އަގީދާ ބަލިކަށިކަމަށް ނުބުނޭ. އޭގެ ބަދަލުގައި އެފަދަ މީހުންނަށް އެހީތެރިވެ، ބާރުވެރިކުރުވުމަށް މަސައްކަތްކުރޭ." މުފްތީ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.

މިއަދު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫ އަށެވެ. މި ދަރުސް އޮންނާނީ ފުވައްމުލަކު ސިޓީގެ ސްޓޭޑިއަމްގަ އެވެ. އައްޑޫ ސިޓީގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އެ ސިޓީގެ ސިޓީ ސްކުއަރ ގަ އެވެ. މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *