logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މެލޭޝިއާގައި މިދިޔަ ހޮނިހިރުދުވަހު ބޭއްވި އާއްމުއިންތިހާބުގައި ވޯޓދެއްވުމަށް ފަހު އަންވަރު އިބްރާހީމް ފޮޓީޯއަކަށް ހުއްޓިވަޑައިގަންނަވަނީ. ފޮޓޯ:ސީއެންއެން

25 އަހަރުވީ "ހަނގުރާމަ" ކާމިޔާބުކޮށް، އަންވަރު އެންމެ ފަހުން ބޮޑުވަޒީރުކަމަށް!

އެންމެ ފުރަތަމަ އެއީ ސަރުކާރުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާކުރުމުގައި އިސްކޮށް އުޅުނު ދަރިވަރެކެވެ. އެއަށް ފަހު މެލޭޝީއާގެ ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގެން، ސިޔާސީ ދާއިރާއިން އެންމެ އުހަށް ވަޑައިގެންނެވި އެވެ. އަންވަރު އިބްރާހީމްގެ ތަރި އޮއްސުނީއޭ ބުނެވޭ ވަރުގެ ކާރިސާއަކާ ކުރިމަތިވެވަޑައިގެންނެވީ އެހިސާބުންނެވެ. މެލޭޝިއާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރު، ކުރީގެ ބޮޑުވަޒީރު މަހާސީރު މުހައްމަދުގެ ފުރަތަމަ ވެރިކަމުގައި ބޮޑުވަޒީރުގެ ނައިބަކަށް ހުންނަވަނިކޮށް، އެމަގާމުން ވަކިކޮށް، އޭރުގެ ވެރިކަން ކުރާ ޕާޓީ ޔޫއެމްއެންއޯ (އުމްނޯ) އިން ވެސް ބޭރުކޮށްލީ 1997 ވަނަ އަހަރު އެވެ.

އަންވަަރަކީ މަހާތީރަށް ފަހު މެލޭޝިއާގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކަަމަށް، އެހައިތަނަށް ބެލެވުނު ލީޑަރެވެ. މެލޭޝިއާގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މަހާތީރާއި އަންވަރާ ދެމެދު އުފެދުނު "ދުޝްމަންކަމުގެ" ހަގީގީ ސަބަބަކީ ވެސް އެޔެވެ.

ބޮޑުވަޒީރުގެ ނައިބުކަމުން ވަކިކޮށް، ޕާޓީން ވެސް ބޭރުކޮށްލުމާއި އެކު އަންވަރު ނުކުމެވަޑައިގެންނެވީ މަގުމައްޗަށެވެ. މަހާތީރާ ދެކޮޅަށް މެލޭޝިއާގަައި އޭރު ކުރަމުން ދިޔަ މުޒާހަރާތަކުގައި އިސްކޮށް ހުންނެވީ އޭނާ އެވެ. ހުޅަނގުގެ ގައުމުތަކުން ސިފަކުރާ ގޮތުގައި އެއީ މެލޭޝިއާގައި ޑިމޮކްރަސީއަށް ޓަކައި ފެށި "އާހަރަކާތެއް"ގެ ފެށުމެވެ.

ފުރަތަމަ ފަހަށް ޖަލަށް ލުން

މަހާތީރުގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވުމާއި އެކު ހަމަ އެއަހަރު އަންވަރު ހައްޔަރުކޮށް، އެއްވެސް ދައުވާއަކާ ނުލައި ދިގުމުއްދަތަކށް ބަންދުކުރި އެވެ. އެއަށް ފަހު އޭނާއާ ދެކޮޅަށް އުފުލީ ހިޔާނާތުގެ ކުށުގެ ދައުވާއާއި އެންސިޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަކީ މެލޭޝިއާގައި 20 އަހަރުގެ ޖަލުހުކުމެއް އަންނަ ވަރުގެ ކުށެކެވެ.

މަހާތީރުގެ ސަރުކާރުން އުފުލި އެ ދައުވާތަކަށް އަންވަރު އަބަދުވެސް ގެންދެވީ އިންކާރުކުރައްވަމުންނެވެ. އޭނާ ވިދާޅުވަމުން ގެންދެވީ އެއީ ސިޔާސީ މަގުސަދެއްގައި އުފުލި ދައުވާތަކެއް ކަމަށެވެ. އަންވަރު އިންކާރުކުރެއްވި ނަމަވެސް އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ޖަލަށް ލި އެވެ. އޭނާ ޖަލަށްލުމާ ގުޅިގެން މެލޭޝިއާގައި ވަރަށް ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއް ވެސް ކުރި އެވެ.

އަންވަރަށް އިއްވި ހުކުމްތައް މެލޭޝިއާގެ ހައިކޯޓުން 2004 ވަނަ އަހަރު ބާތިލުކުރި ނަމަވެސް އޭނާ މުޅިން ސަލާމަތްވާ ގޮތެއް ނުވެ އެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ އާ ދައުވާތަކެއް މަހާތީރުގެ ސަރުކާރުން އަންވަރާ ދެކޮޅަށް އަލުން އުފުލި އެވެ. ދިގުދެމިގެން ދިޔަ ޝަރީއަތަކަށް ފަހު 2014 ވަނަ އަހަރު އޭނާ އަނެއްކާވެސް ޖަލަށް ލިއެވެ.

އޭގެ ފަހުން ދެން ހިނގި ކަމަކީ މެލޭޝިއާގެ ތާރީހުގައި ވެސް ސިޔާސީ ގޮތުން ހިނގި އެންމެ ހައިރާންކުރުވަނިވި ފުރޮޅުމެވެ. ޖަލުގައި ހުންނެވި އަންވަރާއި އެކަމުގެ ސަބަބުކަމަށް ވެވަޑައިގެންނެވި މަހާތީރު 2018 ވަނަ އަހަރު ސިޔާސީ ގޮތުން ގުޅިވަޑައިގެންނެވީ އޭރު ހުންނެވި ބޮޑުވަޒީރު ނަޖީބް ރައްޒާގާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށެވެ. ނަޖީބުގެ ސަރުކާރަށް އޭރު އޮތީ މެލޭޝިއާގައި މިހައިތަނަށް ވެސް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށް ބެލެވޭ "ވަންއެމްޑީބީ ހިޔާނާތު"ގެ ތުހުމަތު ވެފަ އެވެ.

އެއަހަރުގެ އާއްމު އިންތިހާބުގައި ކެމްޕޭން ވައުދެއްގެ ގޮތުގައި މަހާތީރު ވައުދުވެވަޑައިގެންނެވީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ އަންވަރު މިނިވަންކުރެއްވުމަށާއި ދުވަސްކޮޅަކަށް ފަހު ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެން އަންވަރަށް ފުރުސަތު ދެއްވާނެ ކަަމަށެވެ.

އެ އިންތިހާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުކަމަށް އަލުން ވަޑައިގެން، މަހާތީރު އޭނާގެ ފުރަތަމަ ވައުދު ފުއްދެވި އެވެ. ޝާހީ މައާފެއް ހޯއްދަވައި އަންވަރު މިނިވަން ކުރެއްވި އެވެ. އެހެން ނަމަވެސް ދެވަަނަ ވައުދު ފުއްދަވާ އަންވަރު ބޮޑުވަޒީރުކަމަށް ގެންނެވުމަށް މަހާތީރު ފަސްޖެހިވަޑައިގެންނެވި އެވެ.

މެލޭޝިއާ ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުމަކަށް ވެއްޓި، މަހާތީރަށް ރަނގަަޅު ސަރުކާރެއް ހިންގެވޭ ގޮތް ނުވުމުގެ ސަބަބަކަށް އެކަންވި އެވެ. އެއީ އެ ދެބޭފުޅުން އިސްކޮށް ތިއްބެވި ޕަކަޓާން ހަރަޕަން ކޯލިޝަން ދެބައިވުމުގެ ސަބަބުންނެވެ.

ބޮޑުވަޒީރުކަން ލިބިވަޑައިގަތުން

އަންވަރު އިބްރާހީމް ބޮޑުވަޒީރަކަށް އައްޔަންކުރައްވަން އެގައުމުގެ ރަސްގެފާނު ނިންމެވީ، މިދިޔަ ބުދަދުވަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސާފު މެޖޯރިޓީއެއް ނުލިބުމުން، އިއްޔެ އެވެ. ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވުމުން އަންވަރު ވައުދުވެވަޑައިގެންނެވީ ނަސްލީ ގޮތުން މިހާރު ބައިބައިވެފައިވާ މެލޭޝިއާ އެއްބައިވަންތަކުރައްވާނެ ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު އަދިވެސް ހަަމައަކަށް ނޭޅި އޮތް އެގައުމުގެ އިގުތިސާދު ހަމައަކަށް އަޅުއްވުމަށެވެ.

"އަޅުގަނޑުގެ ސަރުކާރެެއްގައި އެކަކު ވެސް ބާކީއެއް ނުކުރާނެ،" މެލޭޝިއާގެ ރައްޔިތުންނަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

އޭނާ އެކުލަވައިއްލައްވާ ސަރުކާރުގައި ސިޔާސީ ގޮތުން އޭނާއާ ދެކޮޅު ފަރާތްތައް ހިމަނުުއްވަން ވެސް އަންވަރު ވައުދުވެވަޑައިގެންނެވި އެވެ.

ޖުމްލަ 25 އަހަރުގެ އިންތިޒާރަކަށް ފަހު، މެލޭޝިއާގެ ބޮޑުވަޒީރަކަށް އަންވަރު ވެވަޑައިގެންނެވީ އުމުރުފުޅުން 75 އަހަރު ގަ އެވެ. (މި ލިއުމަށް މައުލޫމާތު ނެގީ ސީއެންއެން އިންނެވެ)

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *