logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާސްކްސް ސްޕީކާ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ.

ނަޝީދުގެ އެޖެންޑާ އަށް މިއައީ ކޮން ބަދަލެއް؟

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ފުރަތަމަ ދުވަހުން ފެށިގެން ކަމަރު ބަންނަވައިގެންނެވެ. އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަނުުކުރައްވާނެ ކަމަކަށް އެމަނިކުފާނު އެއްވެސް އިރަކު ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާ ވާހަަކަައަކީ މާ އާ ވާހަަކައަށް ހަދައި އެ އީ "ބްރޭކިން ނިއުސް" އަށް ދޭތެރެއަކުން ހައްދަވަނީ އަރިސް ބޭފުޅުންނެވެ.

ރިޔާސީ ޕްރައިމަރީއާ ބެހޭ ގޮތުން މީގެ ކުރިން ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ވަރަށް ސާފު އިބާރާތުންނެވެ. ޕްރައިމަރީން ބަލިވެއްޖެ ނަމަ އަަމަލުކުރާނެ ގޮތާ ބެހޭ ގޮތުން އެކިފަހަރު މަތިން ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވީ ވަަރަށް ސާފު ޖަވާބެކެވެ. ޕްރައިމަރީން ބަލިވެއްޖެ ނަމަ ކާމިޔާބުކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅުގައި ހުންނަވާނަންތޯ މިދިޔަ އޭޕްރިލްމަހު އިންޑިއާގެ ނޫހަކުން ސުވާލުކުރުމުން އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވީ ހުންނަވާނެ ކަމަށެވެ.

"އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއީދުނުކުރާނެ ދުވަހެއް ނާންނާނެނެ،" ނަޝީދު އޭރު ވިދާޅުވި އެވެ.

ރާގު މުޅިން ބަަދަލުވެފައި

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވެސް ނަޝީދަށް އެންމެ ގިނަ ސުވާލުކުރިމަތިވެވަަޑައިގެންނެވީ ރިޔާސީ ޕްރައިމަރީއާއި ސިޔާސީ ކުރިމަގާ ބެހޭ ގޮތުންނެވެ. އެކި އެކި މީހުން އެ ދާއިރާއިން ކުރިމަތިކުރި ސުވާލުތަކަށް އެހެން ނަަމަވެސް އެމަނިކުފާނު މިފަހަރު އެހާ ސާފު ޖަވާބުތަކެއް ނުދެއްވަ އެވެ. ގިނަ ޖަވާބުތައް ދެއްވީ އެ ޖަވާބުތަކުން އިތުރު ސުވާލު އުފެދޭ ގޮތަށެވެ. "ޕްރައިމަރީގައި ނާކާމިޔާބު ވެއްޖެ ނަމަ ރައީސް އިބްރާހީމް މުހައްްމަދު ސޯލިހަށް ތާއީދުކުރައްވާނަންތޯ" ބެލުން ތެރިއަކު ކުރި ސުވާލަށް ދެއްވީ އެފަދަ " ނުސާފު" ޖަވާބެކެވެ. ޕްރައިމަރީ ނާކާމިޔާބު ވެއްޖެ ނަމަ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރުއްވާނެކަމަށް ނުވަތަ ނޫން ކަމަށް ވިދާޅު ވުމުގެ ބަަދަލުގައި ނަޝީދު ވިދާޅުވީ މި ފަސް އަހަރުދުހުގެ ތެރޭގައި ރައީސް ސޯލިހު ކަންތައްކުރައްވާ ގޮތް "މިނައިލަން ޖެހެ އެވެ".

" ދެން އެ މިނުން މިނާނީ އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީމެމްބަރުން ހާއްސަގޮތެއްގައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދަވާފައިވާ ކަމަށް އެމްޑީޕީ މެމްބަރުނަށް ނުފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ވައުދު ފުއްދުމަކީ ކުޑަރަށެއް ބޮޑުރަށެއް ބަލައިނުލައި ކަންކަން ކުރަމުން ދިއުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއަށް ފަހު އެމަނިކުފާނު ވާހަކަފުޅު މުޅިން އެހެން ދިމާލަކަށް އަނބުރައިލައްްވައި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދައި ޕްރައިމަރީއާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެނިވަޑައިވެސް ނުގަންނަވާ ކަމަށެވެ.

ނަޝީދު ދެއްވި ޖަވާބުތައް ދެގޮތަކަށް ތަަރުޖަމާ ކުރެވިދާނެ އެވެ. އެއް ގޮތަކީ ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގަތަސް ރައީސް ސޯލިހުގެ ފަހަތްޕުޅަށް އެމަނިކުފާނު ނާރުއްވާނެ ކަމަށް ތަރުޖަމާ ކުރުމެވެ. އަނެއް ގޮތަކީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ކުރިން އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އެމަނިކުފާނު ދެކޮޅު ހެއްދެވުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ އެކުގައި މަސައްކަތް ކުރައްވައިފާނަންތޯ ކުރި ސުވާލަށް ވެސް ނަޝީދު ދެއްވީ ދެ މާނަަ ނެގޭ ފަދަ ޖަވާބެކެވެ. އެކަމަކު އެ އެމަނިކުފާނުގެ ޖަވާބުން ބޮޑަށް ދޭހަ ވަނީ ޔާމީނު އަރިހުގައި މަސައްކަތްކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ވިދާޅުވީ 2018 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ އެކު މަސައްކަތް ކުރެއްވި ވާހަކަ އެވެ. އެ ޖަވާބުގައިވާ މުހިއްމު ނުކުތާ އަކީ ދެކޮޅުވެރިކަމުގެ ގޮތުން ކިތަންމެ ދެކޮޅުވެރި ބޭފުޅަކާ އެކުގައި ވެސް މަސައްްކަތް ކުރައްވައިފާނެ ކަމެވެ. ރައީސް މައުމޫނު އޭގެ މިސާލަކަަށް ވެވަަޑައިގަންނަވަނީ ނަޝީދު އެންމެ ގިނަ ދުވަސް ޖަލުގައި ހޭދަކުރެއްވީ އަދި އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވީ މައުމޫނުގެ ވެރިކަމުގައި ކަމަށް ވީމަ އެވެ.

އެހެންވީމާ ނަޝީދު ވިދާޅުވާ ކަހަލަ އެވެ. "މައުމޫނާ އެކުގައި ވެސް އަޅުގަނޑު މަސަައްކަތް ކުރި އިރު ޔާމީނާ އެކު ނުކުރެއްވީ ކީއްވެތޯ" އެވެ.

ރިޔާސީ ޕްރައިމަރީއާ ބެހޭ ގޮތުން ނަޝީދު ދެއްވި ޖަވާބު ކޮންމެ ގޮތަކަށް ތަރުޖަމާ ވެގެން އަޔަސް އެމްޑީޕީއަށް އޮތީ ވަރަށް ބޮޑު ގެއްލުމެކެވެ. ޕްރައިމަރީ ނާކާމިޔާބުވެވަަޑައިގަންނަވާ ހާލަތުަގައި ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނަޝީދު ނާރުއްވައިފި ނަމަ އެކަން ވާނީ ސޯލިހާ ދެކޮޅަށް އެންޓިކެމްޕޭން ކުރަން އިދިކޮޅު ފަރާތްތަކަށް ލިބޭ ވަަރަށް ވަރުގަަދަ ހަތިޔާރަަކަށެވެ. ދެވަަނަ ގޮތަށް ތަރުޖަމާ ކުރާ ނަމަ ވާން އޮތް ކަމަކީ ބަރުލަމާނީ ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ޕްރައިމަރީ ބޭއްވުމާ ނަޝީދު ދެކޮޅު ހެއްދެވުމެވެ. އެހާލަތުގައި އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ނުުކުންނާނީ ޕްރައިމަރީއާ ދެކޮޅު ހެއްދެވުމަށެވެ.

އެބޭފުޅުން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް ޕްރައިމަރީ ބާއްވާ ނަމަ އެ ޕްރައިމަރީއެއްގައި ވާދަކުރެއްވުމުގެ ބަަދަލުގައި ޕްރައިމަރީގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަވައި އެރޮނގުންް ވަރުަގަދަ ކެމްޕޭނެއް ކުރައްވާނެ އެވެ. އެގޮތަށް ކަންތައް ވެއްޖެ ނަމަ އެކަން ވެސް ވާނީ އިދިކޮޅު ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. ޕްރައިމަރީ ސައްހަ ނޫންކަަމަށް ބުނުމުގައި ނަޝީދާއި އިދިކޮޅު ފަރާތްތައް އޭރުން އެކައްޗަކަށް ވާނެ އެވެ.

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީގެ ގޮތުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕާޓީއެއްގެ ގޮތުގައި އެމްޑީ އޮވެފައި އެޕާޓީއަށް، ޕާޓީގެ އެތެރެއިން މިހާ ބޮޑު ގެއްލުމެއް ދޭން ދޫކޮށްލުމަކީ އާއްމު މެމްބަރުން އެދޭނެ ގޮތެއް ނޫނެވެ. އެމްޑީޕީގައި ނަޝީދު އަދާކުރައްވާ ދައުރާ މެދު އެޕާޓީން އަލުން ވިސްނަން ޖެހެ އެވެ. އެކަމުގައި އެޕާޓީގެ ލީޑަޝިޕުން މަޝްވަރާކޮށް އަވަސް ނިންމުންތަކެއް ނިންމަން ޖެހެ އެވެ.

ނަޝީދުގެ ސިޔާސީ އެޖެންޑާ މިހާރު ބަދަލުވަމުން އެދަނީ އެމްޑީޕީއަށް ފައިދާ ވާނެ ގޮތަކަށް ނޫނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *