ބޮލީވުޑްގެ ސުޕަ ސްޓާ ޝާހް ރުކްޚާންގެ އާ ފިލްމެއް ބޮޑުސްކްރީނަށް ނާންނަތާ ހަތަރު އަހަރަށް ފަހު އޭނާގެ ބޮޑު ފިލްމެއް އަޅުވަން ތައްޔާރުވެއްޖެ އެވެ.
ޝާހް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޕަޓާން" ފިލްމުގެ ޓްރެއިލާ ރިލީސް ކޮށްފައިވާއިރު 42 މިލިއަނައްވުރެ ގިނަ މީހުން މިހާރު ވަނީ އެ ޓްރެއިލާ ބަލައިފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި ޕަޓާން އަކީ އެކްޝަން ތްރިލާ ފިލްމެކެވެ. ޔާޝް ރާޖް ފިލްމްސް އިން އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ޑައިރެކްޓް ކުރީ ސިދާތު އާނަންދު އެވެ. އެއީ ޔަޝް ރާޖް ފިލްމްސްގެ "ސްޕައި ޔުނިވާސް"ގެ ސިލްސިލާގެ ހަތަރުވަނަ ފިލްމެވެ. އެ ސިލްސިލާގެ ފިލްމުތަކުގެ ތެރެއިން މީގެ ކުރިން ނެރެފައިވާ ފިލްމުތަކަަކީ އެކްތާ ޓައިގާ، ޓައިގާ ޒިންދާހޭ އަދި ވޯ އެވެ.
ޕަތާން އިންޑިއާގައި ރިލީޒް ކުރާނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހަފްތާ ބަންދާ ދިމާވާ ގޮތަށެވެ. އެ ފިލްމު ރިލީޒްކުރާނީ ތަމަޅަ ޓެލަގޫ ބަހުން އަޑު އަޅާފައިވާ ވާޝަންތަކާ ވެސް އެކުގަ އެވެ.
ޝާހްރުކް ޚާން ލީޑްރޯލް ކުޅެފައިވާ ފިލްމެއް އެންމެ ފަހުން ރިލީޒް ކުރީ 2018 ވަނަ އަހަރު އެވެ. އެއީ ފިލްމު "ޒީރޯ" އެވެ.
ޕަތާން އަކީ ޝާހްރުކް ހާނާއި ދީޕިކާ ޕަދުކޯން އެކުގައި ފެނިގެންދާ ހަތަރު ވަނަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ފުރަތަމަ ތައާރަފްވީ ޝާހްރުކް ޚާންއާ އެކު 2007 ވަނަ އަހަރު ރިލީޒްކުރި ފިލްމު އޯމް ޝާންތި އޯމް އިންނެވެ. އޭގެ ފަހުން އެމީހުން ކުޅުނު ހެޕީ ނިއުޔާ އާއި ޗެންނާއީ އެކްސްޕްރެސް އަކީވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީ ތަކެއް ހޯދި ފިލްމް ތަކެކެވެ. ޕަޓާން އަކީ ޖޯން އަބްރަހަމް އާއި ޝާހްރުކް ހާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު ވެސް މެ އެވެ. ޕަޓާން އިން ރިތިކް ރޯޝަނާއި ސަލްމާންޚާން ވެސް ފެންނާނެ އެވެ.
ޕަޓާންގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ އިތުރުން އަށް ގައުމެއްގަ އެވެ. އެއީ ސްޕެއިން، ޔޫއޭއީ، ތުރުކީ، ރަޝިޔާ، ސައިބީރިއާ، އިޓަލީ، ފްރާންސް އަދި އަފްޣާނިސްތާންގަ އެވެ.