logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުދިރަށްތަކުގެ ތަރައްގީއަށް ވުރެ މުހިއްމީ ނިޒާމު ބަަދަލުކުރުން؟

ކުޑަރަށެއް، ބޮޑުރަށެއް ބަލައިނުލައި މަސައްކަތްކުރާނަމޭ ބުނުން، އަޅުގަނޑަށް އެ[ކަން] ފެންނަނީ އެއެއް މިއެއް ބަލައިނުލައި އުޅެގަންނާނަމޭ ބުނާ ގޮތަށް ބުނެވޭ ކަމެއްގެ ގޮތުގައި،" މިއީ އާބާދީއަށް ނުބަލައި ރަށްތަކަށް ހިދުމަތްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާ ގޮތެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ސަޕޯޓަރުންނާ  ބައްދަލުކުރެއްވި އިރު ބޯހިޔާވަހިކަމާ ބެހޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް، އާބާދީއަށް ނުބަލައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ސާފުކޮށް ދެކޮޅު ހައްދަވަމުން އެމަނިކުފާނު މިސާލަކަށް ނެންގެވީ ގާތްގަނޑަކަށް 400 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާ އެވެ.

"އެމެރިކާގައި 90 ޕަސެންޓް މީހުނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބެނީ. ދިވެހިރާއްޖޭގައި 90 ޕަސެންޓް މީހުނަށް އެ ހިދުމަތް ދެވޭ އަޅުގަނޑު ހަނދާންވާ ގޮތުގައި 47 ރަށުގައި އެކަން ކުރީމާ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ކުދި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ދައުލަތުން ކުރަން ޖެހޭ ހޭދަ ބޮޑުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ 60 މީހުން އުޅޭ ރަށެއްގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު އަޅަން 60 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކީ އިރު އެ މަސައްކަތުގެ ބަދަލުގައި ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް ރައްޔިތުންނަށް ސީދާ ގޮތުން ފައިދާ ވާނެ އެހެން ކަމެއްގެ ވާހަކަ އެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ވާހަކަ އެވެ.

"އަޅުގަނޑަށް ފެންނަނީ އެފައިސާ، މީހުން ގިނަ ރަށްރަށުގެ ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫއުތަކަށް ހަރަދުކުރަމުން ދިއުމަށް،" ނަޝީދު ވިދާޅުވި އެވެ.

"ނިޒާމު ކަނޑައެޅުމުގެ ވޯޓް މާ މުހިންމު"

ކުދިރަށްރަށުގެ ފެނާއި ނަރުދަމާ އެޅުމަށް ވުރެ ބޮޑެތި ރަށްރަށުގައި މަޝްރޫއުތައް ހިންގުން މުހިންމު ކަމަށް ނަޝީދު ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކީ އިރު އޭގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އެ މައުޟޫއުގައި އެމަނިކުފާކު ދެއްކެވި ވާހަކަފުޅު ގިނަ ބަޔަކަށް ދިޔައީ ފާހަގަ ނުކުރެވި އެވެ. އެ ދުވަހު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓް ނެގުން ވެސް ކުދި ރަށްރަށުގައި މަޝްރޫއުތައް ހިންގުމަށް ވުރެ މާ މުހިއްމެވެ.

"ވައުދުތަކަކީ މިދެންނެވިހެން އެއެއް މިއެއް ބަލައިނުލައި، ކުޑަރަށެއް، ބޮޑުރަށެއް ބަލައިނުލައި ކަންކަން ކުރަމުން ދިއުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކި ހާއްސަ ވަގުތުތަކެއްގައި ވަކި ކަންތައްތަކެއް ކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައި އެބަ އޮތް ކަމަށެވެ. އެ މެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންތައްތަކެއް ވަމުން އެބަ އަންނަ ކަމަށާއި އެހެން ނަމަވެސް އެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ކަމަކީ ނިޒާމު ކަނޑައަޅާ ވޯޓު ނެގުން ކަމަށް އެމަނިކުފާނު އޭގެ ކުރިން ވިދާޅުވި އެވެ.

"އެމްޑީޕީން އެމްޑީޕީގެ މެމްބަރުން ގާތުގައި 2018 ވަަނަ އަހަރަށް ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދިނީ އެ ވައުދާ އެކީގަ އެވެ. އޭގެ ފަހުން ގުޅިފައިވާ ޕާޓީތަކުން ވެސް އެގޮތަށް އެކަން ކުރަން ތާއީދު ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރިޔާސީ ޕްރައިމަރީ އެއްގެ ވާހަކައެއް ދައްކައިގެނެއް ނުވާނެ މި ފެންނަ ނުފެންނަ ވޯޓް ނުނަގައެއް. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައި އޮތް އެންމެ ބޮޑު ވައުދު. ކުޑަރަށެއް ބަލައިނުލައި، އެއެއް މިއެއް ބަލައިނުލައި ކަންކަން ކުރަމުން ގެންދެވިދާނެ އިނގޭތޯ،" ނަޝީދު ވިދާޅުވި އެވެ.

އެ ދުވަހު އެމަނިކުފާނު ސާފުކޮށް އެ ވިދާޅުވީ ނިޒާމު ކަނޑައެޅުމަކީ ކުޑަރަށެއް ބޮޑުރަށެއް ބަލައި ނުލައި މަޝްރޫއުތައް ހިންގުމަށް ވުރެ ވެސް މާ މުހިންމު ކަމެއް ކަމަށެވެ. އެހެންވީމާ ބޮޑެތި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި 47 ރަށުގައި ފެނާއި ނަރުދަމާ އަޅާފައި ހުއްޓައިލަން ޖެހޭ ކަމަށް ސިފަކުރެއްވުން އެއީ އަދި މާ އާދައިގެ ކަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *