ފަރެސްމާތޮޑާގެ ތަރައްގީއާއި ރައްޔިތުން ބޭނުންވާ ކަންކަމަށް ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ގދ. ފަރެސްމާތޮޑާ ކައުންސިލުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައ ފަރެސްމާތޮޑާ ކައުންސިލްގެ މެމްބަރުން މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ބޭފުޅުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގަ އެވެ. އެރަށުގެ ކައުންސިލްގެ މެންބަރުންނާއި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުާ ކޮމެޓީގެ މެންބަރުންނާ ރައީސް ބައްދަލުކުރެއްވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށުގައި ބޭއްވި އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ފަރެސްމާތޮޑާގެ ތަރައްގީއަށް މިސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން އެ ބައްދަލުވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި އެވެ. އެރަށުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ހަތް ކަމެއް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. އެގޮތުން ރަށުގެ ބަނދަރުން އެއާޕޯޓްއަށް ދާން އޮންނަ މަގު އިތުރަށް ތަރައްގީކޮށް މިހާރައްވުރެ އެމަގުގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވާކަމަށް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. އަދި ކައުންސިލްހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ފާހަގަ ކުރައްވާ، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް އެ ބޭފުޅުން ރައީސްގެ އަރިހުން އެދިވަޑައިގެންނެވި އެވެ. ކުނިމެނޭޖު ކުރުމާއި ރަށުގައި ބޭންކިންގެ ހިދުމަތް ގާއިމުކުރަން އެދިވަޑައިގަންނަވާ ކަަމަށް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ހިންގޭ މަސައްކަތްތަކުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި އެކު ކުރިޔަށް ދާން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފަރެސްމާތޮޑާއަށް ދިމާވެފައިވާ ކަންކަން ހައްލު ހޯއްދެވުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅިވިއެވެ. އަދި ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ އެންމެ ފުޅާ ދާއިރާއެއްގައި ވަސްވެރިކަން ކުރެވޭ ސަރަހައްދުކަން ވެސް ފާހަގަ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް އެރަށައް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށް ޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.