ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަންް (އީސީ) އިން މިހާރު ވަނީ އަންގައިފަ އެވެ. އީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނި ގޮތުގައި ޑީއާރުޕީ އުވައިލަނީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ 3،000 މެމްބަރުން އަލުން ހަމަކުރަން އެ ޕާޓީއަށް ދިން ތިން މަސްދުވަހުގެ މުހުލުތަކު ހަަމަވި އިރު އެ އަދަދަށް މެމަބަރުން ހަމަކުރެވިފައި ނުވާތީ އެވެ.
"… ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ނުހިންގުމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައެވެ، އީސީން އިއްޔެ ކުރި އިއުލާނުގައި ބުންޏެވެ.
ރާއްޖޭގެ އެންމެ ދޮށީ ޕާޓީ
ގިނަ ޕާޓީ އެކުލެވޭ ސިޔާޒީ ނިޒާމު ރާއްޖެއަށް ތައާރަފްވުމާ އެކު އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އޭ ބުނެފިއްޔާ ދެކޮޅު ހަދާނެ މީހުން ތިބޭނެ އެވެ. އެހެނީ ޑީއާރުޕީ އުފެއްދުމުގެ މާކުރިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތީ އުފައްދައިފަ އެވެ. އެކަމަކު ގާނޫނީ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ ޑީއާރުޕީ އެވެ. އެމްޑީޕީއަކީ ރާއްޖޭން ބޭރުގައި އަވަށްޓެރި ސްރީލަންކާގައި އުފެއްދި ޕާޓީ އެކެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަން ހުއްދަ ދިނުމާއި އެކު ހޯމް މިނިސްޓްރީގައި ޕާޓީތައް ރަޖިސްޓްރީ ކުރަން ދިން ފުރަތަމަ ފުރުސަތު އަތުލެއްވީ އެމަނިކުފާނެވެ. އެކި އެކި ސަބަބުތައް މެދުވެރިކުުވައިގެން، އެމްޑީޕީއަށް މަޖުބޫރުކުރީ ދެވަނަ ޕާޓީގެ ގޮތުގައި ރަޖިސްޓްީ ކުރާށެވެ. ރާއްޖޭގެ އެންމެ ދޮށީ ޕާޓީއަކަށް ޑީއާރުޕީވީ އެހެންވެ އެވެ.
ބޭރާއި އެތެރޭގެ ފިއްތުންތަކާ ހެދި މަޖުބޫރުން ކަހަލަ ގޮތަކަށް، ގިނަ ޕާޓީ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފްކުރެއްވުމަށް ފަހު މައުމޫނު އިސްކޮށް ހުންނަވައިގެން އެޕާޓީ އުފެއްދީ އެންމެ ފުރަތަމަ ބޭއްވި މަލްޓިޕާޓީ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިިކެޓްގައި އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުންނެވުމަށެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވީ އެމަނިކުފާނުގެ ވެރިކަން ނިމުމުގެ ސިއްކަ އަށެވެ.
ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވުމުން މައުމޫނު އެންމެ ފުރަތަމަ ކަންތައްތައް ކުރެއްވީ ޑިމޮކްރެޓިލް އެހެން ގައުމެއްގައި ވެސް ލީޑަރުން ކަންތައް ކުރައްވާނެ ގޮތަށެެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ރިޔާސީ ގަނޑުވަރަށް ގެންދަވައި ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ.
މައުމޫނު ޑީއާރުޕީން ވަކިވެވަޑައިގެންނެވުން
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ޑީއާރުޕީގެ ސިޔާސީ ލީޑަޝިޕުން ދުރަށް ވަޑައިގެންނެވިކަން މައުމޫނު ރަސްމީކޮށް އިއުލާނު ކުރެއްވި އެވެ. ޑީއާރުޕީގެ ލީޑަރަކަަށް އެހިސާބުން ވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި، ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ތަސްމީނު އަލީ އެވެ. އެހެން ނަނަވެސް ޑީއާރުޕީގެ ކަންކަމުގައި ބަސްފުޅެއް ވިދާޅު ނުވެ މައުމޫނަކަށް ނުހުންނެވުމެވެ.
އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ކަންތައްތަކުގައި އަލުން އުޅުއްވަން ޖެހިވަޑައިގެންނެވީ އާ ލީޑަޝިޕުން އެޕާޓީގެ އުސޫލުތަކާއި އަސާސީ ގަވައިދުތަކާ ހިލާފުވާ ފެށުމުންނެވެ.
"ވީގޮތަކީ އަޅުގަނޑު ޑީއާރުޕީގެ ސިޔާސީ ލީޑަޝިޕް ދޫކޮށްލާފައި އެހެން ބޭފުޅަކާ ސިޔާސީ ލީޑަޝިޕް ހަވާލުކުރުމަށް ފަހުގައި އަޅުގަނޑު މިދެންނެވި އުސޫލުތަކާ ހިލާފަށް ޕާޓީގެ ކަންތައްތައް ހިނގަމުން ދިޔައީ. ޕާޓީގެ ސިޔާސީ ވިސްނުމާ ހިލާފަށް ، ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް، ޑިމޮކްރެޓިކް އުސޫލުތަކާ ވެސް ހިލާފަށް ،" ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރެއްވުމަށް ބޭއްވެވި މީޑިއާ ބްރީފިން ގައި މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ޑީއާރުޕީން ވަކިވެވަޑައިގެންނެވީ އެމަނިކުފާނަށް ތާއީދުކާ ފަރާތްތަކާއި ޑީއާރުޕީގެ އޭރުގެ ލީޑަރު މުހައްމަދު ތަސްމީލް އަލީއަށް ތާއީދުކުރާ ފަރާތްތަކާއި ދެމެދު ގިނަ ކޯޅުންތަކެއް ހިނގުމަށް ފަހުގަ އެވެ. މައުމޫނު އޭރު ހުންނެވީ ރަމްޒީ މަގާމެއްގެ ގޮތުގައި އުފެއްދި "ޒައީމް"ގެ މަގާމުގަ އެވެ. އެ މަގާމުގެ ނަމާ ގުޅުބައި އެމަނިކުފާނަށް ތާއީދުކުރާ ފެކްޝަނަށް، އޭރު ރާއްޖޭގެ މީޑިއާތަކުން ދިނީ "ޒެޑް ފެކްޝަން"ގެ ނަމެވެ.
ތަސްމީނު ފެކްޝަނާއި ޒެޑް ފެކްޝަނާ ދެމެދު އަރައިރުން އުފެދުނު އެއް ކަމަކީ ޑީއާރުޕީގެ އެތެރޭގެ މަގާމުތަކަށް ބޭފުޅުން ހޮވުމުގެ ކަންތަކެވެ. އަނެއް ކަމަކީ އޭރު އޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަސައްކަތް ކުރާނެ ގޮތްތައް ކަނޑައެޅުމެވެ. އެގަޑުބަޑުގެ ތެރޭގައި މައުމޫނަށް ތާއީދުކުރާ ފެކްޝަން މަސައްކަތް ކުރަން ފެށީ ގާތްގަނޑަކަށް ވަކި ސިޔާސީ ޕާޓީއެއް ގެ ގޮތުގަ އެވެ.
އެ ގަޑުބަޑުގެ ނިމުމާއި އާ ސިޔާސީ ޕާޓީއެއް އުފައްދަވާކަން ވެސް މައުމޫނު އިއުލާނު ކުރެއްވީ 2011 ވަނަ އަހަރު އެވެ.
ޑީއާރުޕީގެ ލީޑަޝިޕް އެމްޑީޕީއަށް
މައުމޫނު ޑީއާރުޕީ ދޫކުރައްވައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައި ޕާޓީއެއް އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑީއާރުޕީގެ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައިގެންނެވި އެވެ. އެއަށް ފަހު ގިނަ ބޭފުޅުން ވަޑައިގެންނެވީ އެމްޑީޕީއަށެވެ. އެންމެ ފުރަތަމަ އެމްޑީޕީއަށް ވަޑައިގެންނެވީ ނައިބު ލީޑަރެއްގެ ގޮތުގައި އެހައިތަނަށް ހުންނެވި، އޭރުވެސް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ތުލުސްދޫ ދާއިރާގެ އޭރުގެ މެމްބަރު (މިހާރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު) ރޮޒައިނާ އާދަމް ވެސް އޭރު އިސްތިއުފާ ދެއްވި އެވެ.
ޑީއާރުޕީގެ ލީޑަޝިޕް ދޫކުރައްވައި އެންމެ ފަހުން ނުކުމެވަޑައިގެންނެވީ އެހައިތަނަށް ލީޑަރަކަށް ހުންނެވި، ކެންދޫ ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު ތަސްމީނު އަލީ އެވެ. އޭނާ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑީއާރުޕީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރެއްވުމާއި އެކު ޑީއާރުޕީގައި އިންތިހާބީ ލީޑަޝިޕެއް ނެތި ހުސްވީ އެވެ.
އޭގެ ފަހުން ޑީއާރުޕީއާ ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅުވަަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ. އޭނާއަކަށް ވެސް ޑީއާރުޕީއަކީ އާރުލާ ޕާޓީއަކަށް ނުހެއްދެވުނެވެ. ހަމަ އެކަނި ނަމެއްގައި އޮތް އެޕާޓީގެ ލީޑަރަކަށް ފަހުން ވެވަޑައިގެންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ރާއްޖޭގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި މައުމޫނު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ އުވައިލުމުގެ ލިޔެކިއުންތަކާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ އޭނާ އަށެވެ.