"ދިވެހިރާއްޖޭގެ ވަގުފާ ބެހޭ ގާނޫނު"ގެ ނަމުގައި ގާނޫނެއް ހަދަން އެކުލަވައިލާ ބިލަކަށް ކޮންސަލްޓީ ދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނި ގޮތުގައި ވަގުފު ގާނޫނުގެ ބިލު ޑްރާފްޓްކުރުމަށް ޓަކައި އެ މިނިސްޓްރީއަށް ކޮންސަލްޓެންސީ ބޭނުން ވަނީ ދީނީ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިންނެވެ. އެ މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ނުޖެހޭ ފަރުދުންނަށެވެ.
"…ދިވެހިރާއްޖޭގެ ވަގުފާބެހޭ ޤާނޫނުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތަށް ދީނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ކޮންސަލްޓެންސީ ބޭނުންވާތީ، މިދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއް ކަމުގައިވާންވާނެއެވެ،" ވަގުފު ގާނޫނުގެ ބިލަށް ކޮންސަލްޓީ ދޭން ބީލަށް ހުށަހެޅުމުގެ ޝަރުތާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެ މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރަން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެެ. ވަގުފު ގާނޫނުގެ ބިލު ޑްރާފްޓްކުރުމާ ބެހޭ މައުލޫމާތު ދޭނީ އެގޮތުން ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އެ މަސަައްކަތަަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މައުލޫމާތު ދިނުމަށް ފަހު، މިމަހުގެ 26 ވަނަ ދުވަހު އެވެ.