logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕްލާސްޓިކް ކޮތަޅަށް އަގުނަގާ ބިލު ތަސްދީގުކޮށްފި

ފިހާރަތަކުން ގަންނަ ތަކެތި އަޅަން ދޭ ޕްލާސްޓިކް ކޮތަޅުން "ފީއެއް"ގެ ނަމުގައި ދެރުފިޔާ ނަގާ ގޮތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ފާސްކުރި އެ ބިލުގައިވާ ގޮތުން ފިހާރަތަކުން ގަންނަ ތަކެތި އަޅަން، ގަންނަ މީހުން ޕްލާސްޓިކް ކޮތަޅެއް ދޭން އެދިއްޖެ ނަަމަ ކޮތަޅު ދޫކުރާނީ ކޮތަޅަކަށް ދެރުފިޔާގެ މަގުން ފީއެއް ނަގައިފަ އެވެ. އެގޮތުން ނަގާ ފީ ފިހާރަތަކުން ދައްކަން ޖެހޭނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނެގިކަން ފިހާރަތަކުގެ ރެކޯޑްތަކުގައި ހިމެނުމަށް ޓަކައި ބިލު ވެސް ހަދަން ޖެހޭނީ އެ ފީ ހިމަނައިގެންނެވެ.

މިއަދު ތަސްދީގުކުރި ބިލުގައިވާ ގޮތުން ކޮތަޅުން ފީ ނަގަން ފަށަން ޖެހޭނީ މިއަދުން ފެށިގެން ހަަތަރު މަސްދުވަސް ފަހުންނެވެ.  އެ ބިލުގައިވާ ގޮތުން ކޮތަޅަށް ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކެއް ވެސް އެބަހުއްޓެވެ. އެހާލަތްތަކުގައި ކޮތަޅު ދޭން ޖެހޭނީ ހިލެ އެވެ.

ކޮތަޅު ހިލޭ ލިބޭނެ ހާލަތްތައް

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިޔަފާރިކުރާ އިރު
  • ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅަން ކޮތަޅު ދޭ އިރު
  • ބަންދުނުކޮށް ހުންނަ ހަނޑޫ ، ހަކުރު އަދި ފުށް އަޅަން ކޮތަޅު ދޭއިރު
  • 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅުބޮނޑި ވިއްކާއިރު
  • ކުނި މެނޭޖްކުރާ ފަރާތްތަކަށް ކޮތަޅު ވިއްކާއިރު

ބިލުގައިވާ ގޮތުން ޕްލާސްޓިކް ކޮޓަޅު ދިނުމުގައި ފީ ނަަގަން ޖެހޭ ހާލަތްތަކުގައި ފީ ނުނަގާ ފަރާތްތައް 5،000.ރ އާއި 50،000.ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާ ނެ އެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *