އެމްޑީޕީގެ ދަފުތަރު އަދިވެސް އޮތީ ގަޑުބަޑުވެފައި ކަަމަށް ތުހުމަތުކުރައްވައި އެކަން އިސްލާހުނުކޮށް ރިޔާސީ ޕްރައިމަރީ ބޭއްވުމާ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިއަދު ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފުތަރުން ގާތްގަނޑަކަށް 40،000 މީހުން އެމީހުންނަށް އެނގުމަކާ ނުލައި "ކުއްލިއަކަށް ވަކިކޮށްފައިވާ" ކަމަށެވެ. އެއީ އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީއަށް ހިތުން ރުހުމުން ވަތް މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލުވައިލުމެވެ.
"…އެކަން އެހެން އޮއްވައި ޕްރައިމެރީއެއް ކުރިއަށް ގެންދެވުމުން އެ ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ" ސިޓީގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. ޕްރައިމަރީގައި ވޯޓުލާ އިރު، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ކުރިއްސުރެ ބަލަމުން އައި މީހުންނަށް ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ އިއުލާނުކުރި އިރު ނަޝީދު ރާއްޖޭގައި ވަޑައިގެން ނެތެވެ. އެމަނިކުފާނު ރާއްޖޭގައި ވަޑައިގެން ނެތް ވަގުތެއްގައި ޕްރައިމަރީ އަށް ހުޅުވައިލުމުން އެކަމާ ވެސް އަރިސް ބައެއް ބޭފުޅުން ނުރުހުން ފާޅުކުރެއްވި އެވެ.
Party ge memberunge dhaftharu vanee gadubadu kohfa pic.twitter.com/eOornp1iPf
— Mohamed Nasheed (@MohamedNasheed) December 19, 2022
ހައްގުތައް ލިބޭނީ އީސީގެ ދަފްތަރުގައި ނަން އޮތް މެމްބަރުންނަށް
އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުން ހިމެނޭ ގޮތުން، އެމްޑީޕީގެ އަސާސީ ގަވާއިދުގެ (15) ވަނަ މާއްދާއިން އެޕާޓީގެ ލިބިދޭ ހައްގުތައް ލިބޭނީ އެޕާޓީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފުތަރު ކުރެވިފައިވާ ފަރާތްތަކަށް ކަމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ މޭމަހު ފާސްކުރި ގަރާރަކުން ވަނީ ނިންމައިފަ އެވެ. އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި، އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ ގަރާރުގައިވާ ގޮތުން އެގަރާރު ފާސްކުރާތާ ތިން މަސްދުވަހުގެތެ ތެރޭގައި މެމްބަޝިޕް ސައްހަ ކުރުމަކީ މެމްބަރުން ކުރަން ޖެހޭނެ ކަމެކެވެ. މީގެ މާނައަކީ އެމްޑީޕީގެ މެންބަރަކު އީސީގެ ދަފުތަރުގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އޮތް ނަމަ އަލުން ފޯމުލައިގެން އެމްޑީޕީގެ ދަފުތަރުގައި ޖެހުމަކީ މެމްބަރުން ކުރަން ޖެހޭ ކަމަކަށް ވުމެވެ.
އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ 4:00 އާ ހަމަ އަށެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅޭނީ 500 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. އެއިއުލާނުގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން ހުށަހަަޅާ ފޯމާއި މެމްބަރުންގެ ތާއީދު ފޯމު ވެސް މިފަހަރު އޮންލައިންކޮށް ވެސް ފުރޭނެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުހުލަތު މިމަހުގެ 24 ގައި ހަމަވުމުން، އޭގެ ދެ ދުވަސް ފަހުން މިމަހުގެ 26 ވަނަ ދުވަހު ކެންޑިޑޭޓުންގެ ލިސްޓް އިއުލާނުކުރާނެ އެވެ. އެ އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓް އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހު ހުޅުވައިލާނެ އެވެ.
ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށާއި ވޯޓުލާމީހުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ ޖެނުއަރީ ތިން ވަނަ ދުވަހު ކަމަށް ވެސް އެމްޑީޕީގެ އިއުލާނުގައި ބުންޏެވެ. ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ މަންދޫބުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.