logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މެމްބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައިވާ ނަމަ ޝަކުވާ ހުށަހަޅަން އެމްޑީޕީން އެދިއްޖެ

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައި ވާ ނަމަ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން އެޕާޓީން މިއަދު އެދިއްޖެ އެވެ.،

އެމްޑިޕީގެ ސެކްރެޓޭރިއަޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މެމްބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައި ވާ ނަމަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޝަކުވާ ހުށަހަޅާ ފޯމު ފުރާފައި އެކޮމިޝަނަށް ހުށަހެޅުމުން އެ މެމްބަރަކު ޕާޓީއަށް އިއާދަކޮށްދޭނެ ކަމަށެވެ.

އެމްޑީޕީން މިހެން ބުނެފައި މިވަނީ އެޕާޓީގެ އެތައް ހާސް މެމްބަރުންނެއް އެމީހުންނަށް ނޭނގި ޕާޓީން ވަކިވެފައިވާ ކަމަށާއި ޕާޓީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވާފައި ވަނިކޮށެވެ. އެމަނިކުފާނު އެ ތުހުމަތު ކުރެއްވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅާ ރިޔާސީ ޕްރައިމަރީ އިއުލާނު ކުރުމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީފުޅެއްގައި ނަޝީދު ވިދާޅުވީ ދަފަތުރު ގަޑުބަޑުވެފައި ވަނިކޮށް ޕްރައިމަރީ ބާއްވައިފި ނަމަ އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށެވެ.

ނަޝީދުގެ އެ ތުހުމަތަށް ރައްދު ދެމުން އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ބުނީ އެޕާޓީގެ މެމްބަރުންގެ ދަފުތަރަކީ އަސާސީ ގަވައިދާ އެއްގޮތަށް އެކުލަވާލާފައިވާ ދަފުތަރެއް ކަމަށެވެ. އަދި އެއީ އެޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންދަތާ އެއްގޮތަށް އެކުލަވާލާފައިވާ ދަފުތަރެއް ކަމަށް ވެސް ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *