ކައިވެނިކުރާ ތާރީހަކީ ލިޔެފައި އޮންނަ އިރު ރީތި ތާރީހަކަށް ހެދުމަށް ޓަކައި އެފަދަ ތާރީހުތަކާ ދިމާކޮށް ކައިވެނިކުރަން ގިނަ ބަޔަކު އުޅެ އެވެ. މިއަދު (22 ޑިސެމްބަރު، 2022) އަކީ އެފަދަ ތާރީހެކެވެ. މިއަދުގެ ތާރީހު ލިޔާ އިރު އޮންނާނީ " 2022-12-22″ މިހެންނެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު އެކޯޓުގައި ގިނަ އަދަދެއްގެ ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ކަމަށެެވެ. އެކޯޓުގައި މިއަދު ކުރަން ހަމަޖެހިފައި ވަނީ 58 ކައިވެންޔެވެ. އެއީ ރަސްމީ ގަޑީގައި 25 ކައިވެނި އަދި ނުރަސްމީ ގަޑީގައި 33 ކައިވެންޏެވެ.
މިއަދު (22 ޑިސެންބަރު 2022) ގައި ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަޤްޞަދުގައި ކާވެނި ޑިވިޜަންގެ މަގާވީ ފަރާތުގައި ޓެންޓު ޖެހިފައި. pic.twitter.com/lpbLuVGCEF
— Family Court (@FamilyCourtMv) December 22, 2022
މިއަދު އެހާ ގިނަ ކައިވެނިކުރާތީ، ކައިވެންޏަށް ކޯޓަށްދާ ފަރާތްތަކަށް ފަސޭހަކޮށްދޭން ފެމިލީކޯޓުން ވަނީ އެކޯޓުގެ ބޭރުގައި ޓެންޓްތަކެއް ޖަހައިފަ ގޮނޑިވެސް އަތުރައިފަ އެވެ. އެއީ ކައިވެނިކުރަން ކޯޓަށް ދާ މީހުން ގިނަ އިރުތަކެއް ވަންދެން ކޯޓުގެ ބޭރުގައި މަޑުކުރަން ޖެހޭނެތީ ހިޔަލުގައި އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.