logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކިންގް ސަލްމާން މިސްކިތް. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

"ދަރިންނަށް އެއްބައިވަންތަކަން ދަސްކޮށްދިނުމަކީ ބެލެނިވެރިންނާއި އެދުރުންގެ މަސްއޫލިއްޔަތެއް"

ދަރިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި އިސްލާމްދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަން ދަސްކޮށްދިނުމަށް ބެލެނިވެރިންނަަށާއި ޓީޗަރުންނަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ލިޔެ، ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ކީ ހުކުރު ހުތުބާގައި ބުނީ އެއްގަލަކަށް އެރުމާއި އެކަކުއަނެކަކަށް އަޅައިލުމުގެ ރޫހު އާލާކުރާނެ ހަކަތަ މުސްލިމުންގެ އެބަހުރި ކަމަށެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތުން ދަލީލު ދައްކަމުން ހުތުބާގައި ބުނީ އަޚުވަންތަކަމަކީ އީމާންކަމާ ގުޅިފައިވާ ކަމެއް ކަމަށާއި އިސްލާމީ އެއްބައިވަންތަކަށް އުފެދުނީ އެގޮތުން ކަމަށެވެ.

"…ލޮބުވެތި ބެލެނިވެރިންނާއި އެދުރުންނޭވެ، ދަރީންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖެއްސުމާއި އެދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަހުދަތު ދަރީންނަށް ދަސްކޮށްދީ އެގޮތުގެ މަތީ އެކުދިން ތަރުބިއްޔަތުކުރުމަކީ ތިޔަ ލޮބުވެތި ބެލެނިވެރިންނާއި އެދުރުންގެމަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާށެވެ،" މިއަދުގެ ހުތުބާގައި ގޮވައިލި އެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ، އިސްލާމީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކަމުން އަންނަ ބައެއްކަމަށާއި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދެއްކި އެއްބައިވަންތަކަމަކަކީ އޭގެ މިސާލެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. މާލެއިން ފެންކެނޑުނު ހާދިސާއާއި ކޮވިޑް-19 ގެ ބަލިމަޑުގައި ވެސް ދިވެހިން ދައްކާފައި ވަނީ އެފަދަ އެއްބައިވަންތަކަމެއްކަން ހުތުބާގައި ފާހަގަކުރި އެވެ.

އެއްބައިވަންތަކަމަށް ނަސޭހަތްތެރިވާ ހުތުބާއެއް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ކީ އިރު، އަންނަ އާދީއްތަ ދުވަހަކީ ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހެވެ. ކޮންމެ އަހަރެެއްގެ ޑިސެމްބަރު 26 ވަަނަ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 2004 ވަަނަ އަހަރު ރާއްޖެއަށާއި އިންޑިއާކަނޑުގެ އެހެން އެތައް ގައުމަކަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *