logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން. ފޮޓޯ:ބީބީސީ

ޔޫކްރެއިންގެ މައްސަލައިގައި މަޝްވަރާކުރަން ތައްޔާރު: ޕޫޓިން

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން މަޝްވަރާއަށް ތައްޔާރަށް އޮތް ނަމަވެސް ޔޫކްރޭން އާއި އެ ގައުމަށް ތާއީދުކުރާ ހުޅަނގުގެ ފަރާތްތަކުން، މަޝްވަރާގައި ބައިވެރިވާން ދެކޮޅު ހަދާފައިވާ ކަމަށް ވެސް  އާދީއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ރަޝިޔާއިން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންއަށް އަރައިގަތުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކާއި، 1962 ވަނަ އަހަރު ކިއުބާގެ މިސައިލް ކްރައިސިސްއަށްފަހު މޮސްކޯއާއި ހުޅަނގުގެ މެދުގައި ހިނގި އެންމެ ބޮޑު ކުރިމަތިލުމެވެ. އަދި މިހާތަނަށް ހަނގުރާމައަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

ރަޝިޔާއިން ބުނަނީ ހުރިހާ މަގްސަދެއް ހާސިލްވަންދެން ހަނގުރާމަ ކުރާނެ ކަމަށެވެ. ޔޫކްރޭނުން ބުނަނީ 2014 ވަނަ އަހަރު ރަޝިއާއިން ހިފާފައިވާ ކްރައިމިއާ ހިމެނޭ ގޮތަށް ރަޝިއާގެ ކޮންމެ ސިފައިންގެ މީހަކު އެ ގައުމުގެ ހުރިހާ ސަރަހައްދަކުން ނެރެގެން ނޫނީ "އަރާމު" ނުކުރާނެ ކަމަށެވެ.

ރަޝިޔާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވީ، ގަބޫލުކުރެވޭ ހައްލުތަކާ ބެހޭ ގޮތުން އެކަމުގައި ޝާމިލްވާ އެންމެންނާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށާއި، ނަމަވެސް އެއީ އެ ބޭފުޅުންގެ މައްޗަށް އޮތް ކަމެއް ކަމަށެވެ.

ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް މި މަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގިނަ ހަމަނުޖެހުންތައް ނިމޭނީ މަޝްވަރާގެ ތެރެއިން ކަމަށާއި ނަމަވެސް ސީއައިއޭގެ އެސެސްމަންޓަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަގީގީ މަޝްވަރާއަކަށް ރަޝިއާއިން އަދި ސީރިއަސް ނޫން ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އެޑްވައިޒަރަކު ވިދާޅުވީ ޕޫޓިން އަލުން ހަގީގަތަށް އެނބުރި ދާން ޖެހޭ ކަމަށެވެ. އަދި މަޝްވަރާއެއް ކުރަން ބޭނުން ނުވަނީ ރަޝިޔާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މައިޚައިލޯ ޕޮޑޮލްޔަކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަޝިޔާއިން އެކަނި ޔޫކްރެއިންއަށް ހަމަލާދީ ރައްޔިތުން މަރަމުން އަންނަ ކަމަށެވެ. ރަޝިއާއިން މަޝްވަރާކުރަން ބޭނުންނުވާ ކަމަށާއި ނަމަވެސް ޒިންމާއިން ސަލާމަތްވާން މަސައްކަތް ކުރާ ކަމަށެވެ.

ޕޫޓިން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންގައި އަމަލުކުރަނީ "ރަނގަޅު ދިމާލަކަށް" ކަމަށާއި އެއީ އެމެރިކާ އިސްވެ އޮވެ ހުޅަނގުން ރަޝިއާ ވަކިކުރަން މަސައްކަތް ކުރާތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މި ދަނީ ރަނގަޅު މަގަށް، އަޅުގަނޑުމެންގެ ގައުމީ މަސްލަހަތު، ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރަމުން މިދަނީ. އަދި ރައްޔިތުން ހިމާޔަތްކުރުން ނޫން ގޮތެއް ނޯންނާނެ،" ޕޫޓިން ވިދާޅުވިއެވެ.

ހުޅަނގާއެކު އުފެދިފައިވާ ޖިއޮޕޮލިޓިކަލް ހަމަނުޖެހުން ނުރައްކާތެރި ދަރަޖައަކަށް ދަނީތޯ ސުވާލު ކުރުމުން ޕޫޓިން ވިދާޅުވީ އެއީ އެހާ ނުރައްކާތެރި ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހުޅަނގުން ޔޫކްރެއިންގައި ހަމަނުޖެހުންފެށުނީ 2014 ވަނަ އަހަރު މައިދާން އިންގިލާބުގެ މުޒާހަރާތަކުގައި ރަޝިޔާއަށް ތާއީދުކުރާ ރައީސަކުގެ ވެރިކަން ވައްޓާލުމައި ގުޅިގެން ކަމަށެވެ.

އެ އިންގިލާބަށް ފަހު ރަޝިއާއިން ކްރައިމިއާ ޔޫކްރެއިންގެ އަތްދަށުން އަތުލައި، ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ރަޝިއާގެ ތާއީދު ލިބިފައިވާ ވަކިވެގަތުމުގެ ބާރުތަކުން ޔޫކްރެއިންގެ އަސްކަރިއްޔާއާއިން ހަނގުރާމަ ކުރަން ފެށިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *