logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއަށް ވަޑައިގެންނެވި ރޭ ރައީސް މުހައްމަދު ނަޝީދު އޭނާއަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީއަށް ނަޝީދު ވެއްދެވި މެމްބަރުން މިހާރު މިވީ "ޑީއާރުޕީ" ބަޔަކަށް!

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގައި އެންމެ "އަޑުގަދަކޮށް" އުޅުއްވި މެމްބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބަދަލުވެވަޑައިގެންނެވި އިރު އެމްޑީޕީގެ މުޅި ކޮންޓްރޯލް އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގަ އެވެ.

ޑީއާރުޕީން އެންމެ ފުރަތަމަ އެމްޑީޕީއަށް ބަދަލުވެވަޑައިގެން ނެވި އެންމެ އަޑުގަދަ އެއް ބޭފުޅަކީ އެމްޑީޕީގެ ނައިބުރައީސްކަން ވެސް ފަހުން ކުރެއްްވި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެޕާޓީގެ ފުރަަތަމަ ވެރިކަމުގައި ނަޝީދު ރާއްޖޭގެ ރައީސަކަށް ހުންނެވި އިރުގަ އެވެ. ދެވަނަ އަށް ވަޑައިގެންނެވީ ތޮއްޑޫ ދާއިރާގެ އޭރުގެ މެމްބަރު އަލީ ވަހީދެވެ. އެ ދެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން ނަޝީދު އެ ދެބޭފުޅުންނަށް ވެސް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސްސަފުގައި މިހާރު އުޅުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެޕާޓީއާ ގުޅިވަޑައިގެންނެވި އިރު ވެސް އެމްޑީޕީގެ ކޮންޓްރޯލް އޮތީ ހަމަ ނަޝީދުގެ އަތްޕުޅުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނަޝީީދު ޖަލަށް ލުމުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އެ އެންމެ ބޭފުޅުން ވެސް އަޑު އުފުލެއްވި އެވެ.

އެހާ ހިސާބަށް، އެ އެންމެ ބޭފުޅުންނަކީ އެމްޑީޕީގެ ރަނގަޅު މެމްބަރުންގެ ގޮތުގައިި ދެކެވަޑައިގެން ހުންނެވުމަށް ފަހު ރައީސްކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެން، އެމްޑީޕީގެ ނުފޫޒުގެ ތިލަފަތް އެމަނިކުފާނުގެ ކޮޅަށް ބުރަވުމާއި އެކު ، ނަޝީދުގެ އަރިސް ބޭފުޅުން ސިފަކުރައްވަން ފެށްޓެވީ އެއީ "އެމްޑީޕީ ތެރެއަށް ފުންމާލައިގެން އުޅޭ" ޑީއާރުޕީ މީހުންގެ ގޮތުގަ އެވެ.

އެ އޮއިވަރުގައި ނަޝީދު ޖެހިވަޑައިގަންނަވާނެ ކަމަށް ކުރިން ހީ ނުކުރެވުނަސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް  ފެށްޓެވި ކެމްޕޭނާ އެކު އެމަނިކުފާނު ވެސް މިހާރު ވިދާޅުވަނީ އެއީ "ޑީއާރުޕީ" ބޭފުޅުން ކަމަށެވެ.

ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ކަނޑައިލި 39،000 މީހުންނަކީ އެޕާޓީ އުފެއްދުމުގެ ރަމްޒު ކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީގެ ކުރީ ސަފުން މިހާރު ފެންނަނީ ޑީއާރުޕީ މީހުން ކަމަށެވެ.

"ޕާޓީ ހޯދި ތިރީސް ނުވަހާސް މީހުންނަކީ މިޕާޓީގެ އުފެއްދުމުގެ ރަމްޒު. އެއީ އެންމެ ފުރަތަމަ މިކަމުގަައި ނުކުތް މީހުން. އެމީހުންގެ ބަދަލުގައި މިހާރު ފުރަތަމަ ބަރިން އަޅުގަނޑަށް މިފެންނަނީ ޑީއާރުޕީ،" ނަޝީދު ވިދާޅުވި އެވެ.

އެހެން ޕާޓީތަކުގައި އުޅުއްވާ ބޭފުޅުން އެމްޑީޕީއާ ގުޅުމަކީ އެކަމަކު ރަނގަޅުކަމެެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެއީ އަޅުގަނޑުމެންގެ މީހުން ދުރުކޮށްފަކާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެހެން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުން މައްސަލައަކަށް ވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި "ތިޔަ ބޭފުޅުންގެ ބާރު" އޭގެ ސަބަބުން ކެނޑޭ ހާލަތުގަ އެވެ. އެމަނިކުފާނު "ތިޔަ ބޭފުޅުން" ކަމަށް އެ ސިފަކުރެއްވީ އެހެންވީމާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެމަނިކުފާނަށް ތާއީދުުކުރާ މެމްބަރުން ކަމަށް ބެލެވެ އެވެ.

އެއީ އެމްޑީޕީއަށް އެހެން ޕާޓީތަކުން ބަދަލުވެވަޑައިގެންނެވި ބޭފުޅުންގެ މާޒީގެ ވާހަކަ ދައްކަނީ ހަމަ އެކަނި ނަޝީދުގެ ސަޕޯޓަރުން ކަމަށް ވާތީ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ކިިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފަދަ ބޭފުޅުންނާ ހެދި، " ކުރީ ސަފު ޑީއާރުޕީއަށް" ވާ ކަމަށް ވަންޏާ، ނަޝީދުގެ ކެމްޕޭނުގެ ކުރީ ސަފަކީ ވެސް "ޑީއާރުޕީ" އަށް އެބަ ވެ އެވެ. އެހެނީ އެމަނިކުފާނުގެ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވަނީ ޑީއާރުޕީގެ ލީޑަޝިޕް އެއްކޮށް އެމްޑީޕީއަށް ބަދަލުވި ފަހަރު ސޮއިކުރެއްވި ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

ހަގީގަތުގައި އެ އެންމެ ބޭފުޅުން ވެސް އެމްޑީޕީއަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ ލީޑަޝިޕްގައި ކަމެވެ. އެހެންވީމާ އެމްޑީޕީގެ ކުރީސަފު "ޑީއާރުޕީ ކުރެއްވި ބޭފުޅަކީ ވެސް ޚުދު އެމަނިކުފާނެވެ.

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *