އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭނުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގައި މިރޭ ބާއްވާ އިރު، ހަމަ އެ ސަރަހައްދުގައި ދިކޮޅު ޕީޕީއެމްޕީއެންސީގެ ހަރަކާތެއް ކުރިއަށް ދާ ގޮތް މެދުވެެރި ވެއްޖެ އެވެ.
ރައީސް ސޯލިހަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އާޓިފިޝަލް ބީޗުގައި އިދިކޮޅުގެ ހަރަކާތެއް ކުރިއަށް ގެންދަން ހުއްދަ ދިނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހަރުގޭގައި ބާއްވާކަން އެމަނިކުފާނުގެ ކެމްޕޭން ޓީމުން އިއުލާނުކޮށްފައި ވަނިކޮށް ކަމަށެވެ. އެކަމަކު މާލޭ ސިޓީ ކައުންސިލުން އެކަން ދޮގު ކުރެ އެވެ.
ސިޓީކައުންސިލްގެ މީޑިއާ އޮފިޝަލަކު "މިނިވަން" އަށް މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވަން ޕީޕީއެމުން އެދުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ބާއްވާކަން އިއުލާނުކުރުމުގެ މާކުރިން ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު "މިނިވަން" އަށް މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗްގައި އެޕާޓީން މިރޭ ބާއްވާ ޖަލްސާ އަކީ މާކުރިން ރާވާފައިވާ ޖަލްސާއެއް ކަމަށެވެ. އެ ޖަލްސާ ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ހޯދި އިރު ރައީސް ސޯލިހުގެ ޖަލްސާއެއް މިރޭ ހަރުގޭގައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޮންނާނީ އެ ޖަލްސާގެ ސެކިއުރިޓީ ބަލަހައްޓައިދޭން އެދި ފުލުހުންނަށް ވެސް ހުށަހަޅާފައި،" ހީނާ ވިދާޅުވި އެވެ.
ވާދަވެރި އިދިކޮޅު ފަރާތްތަކާއި ރައީސް ސޯލިހުގެ ޖަލްސާއެއް އެއް ވަގުތެއްގައި އެއް ސަރަހައްދެއްގައި ކުރިއަށް ދާގޮތަށް އިންތިޒާމްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރަން ގޮވާލައި އިދިކޮޅުން މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނު 11 އަހަށް ޖަލަށްލީ މަނީ ލޯންޑާ ކުރުމާއި ރިޝްވަތުހިފުމުގެ ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން ކުރި ހުކުމަކުންނެވެ.