logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ނެންގެވީ ނަޝީދުގެ ނާކާމިޔާބީގެ ބޮޑުލިސްޓެއް!

ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވާން ފެށްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކުރި ފަހުންނެއް ނޫނެވެ. ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައީސް ސޯލިހު ދެކޮޅު ހެއްދެވި ހިސާބަކުން ނެއް ވެސް ނޫނެވެ. ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކުރި ހިސާބަކުން ވެސް ނޫނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ނަޝީދުގެ ފާޑުކިއުންތައް އެެމަނިކުފާނަށާއި ސަރުކާރަށް އަމާޒުކުރައްވަން ފެށްޓެވީ ސަރުކާރު އުފެދުނު ދުވަހުން ފެށިގެންނެވެ.

" ސަރުކާރު ފެށުމާ އެކީގާ، މިއީ އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައެއް ވެސް ނޫން. އެހެން ނަމަވެސް ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު ސަރުކާރަށް ދަތިކުރުމާއި އުނދަގޫ ކުރުމާ، ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެންނާ ދޭތެރޭ ނަފުރަތު އުފެއްދުމަށް، ޕާޓީ ތެރޭން މަދު ބަޔަކު ނަމަވެސް އެކަން ކުރަމުން އައި. މިއީ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.

ފާޑުކިއުންތައް ފެށިގެން އައި ގޮތާއި ފާޑުކީ ބައެއް ކަންތައްތައް ތަފްސީލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ރޭ ދެއްވީ ނަޝީދުގެ ނާކާމިޔާބީ ތަކުގެ ދިގު ލިސްޓެކެވެ. ސަރުކާރު ހިންގުމާއި ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެއްވުމުގައި ނަޝީދު ނާކާމިބުވެވަޑައިގެންނެވި ގޮތް ރައީސް ރޭ ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވި އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތައް މަދު

ރައީސް ވިދާޅުވީ އަސާސީ ހިދުމަތް ދިނުމުގައި އެމްޑީޕީގެ ފުރަަތަމަ ވެރިކަމުގައި ކަން ހިނގާ ގޮތް ބަލައިލަން ޖެހޭ ކަމަށެވެ. އެެހެން ވިދާޅުވެ އެންމެ ފުރަތަމަ ދެއްކެވި ތަފާސް ހިސާބަކީ 2018 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް، (ރައީސް ނަޝީދު ހުވާކުރެއްވީއްސުރެ، އެ ސަރުކާރު ވެއްޓުމާ ހަމަައަށް) ސޮއިކުރި ފެނާއި ނަރުދަމާގެ ހިސާބެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ސަރުކާރުގައި ދެހާސް އަށަކުން 2012 އަށް އޮތް ސަރުކާރުގައި، ހަމަ އެކަނި ފެނުގެ ، ސޮއިކުރެވިފައި އޮތީ އެންމެ ޕްރޮޖެކްްޓެއްގައި. އެންމެ ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް. ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ދެހާސް އަށަކުން 2012 އަށް ސޮއިކުރެވިފައި އިނީ އެންމެ އަށް ރަށުގައި. އެހެން ނަމަވެސް މިއަދު، 2018 ގައި މި އުފެދުނު އެމްޑީޕީގެ ސަރުކާރުން 141 ރަށުގައި މިދަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބޮޑު އަގުގައި މަސް ގަންނަން ފެށީ ގެއްލުމުގައި

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ވައުދެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެވައުދު ނުފުއްދާ ކަަމަށް ވިދާޅުވެ، ނަޝީދު ދައްކަވާ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ރޭ ވިދާޅުވެ ދެއްވީ ނަޝީދުގެ ސަރުކާރުގައި މަސްގަންނަ އަގު ބޮޑުކުރުމުން ކަންވީ ގޮތެވެ.

"ސައްބީސް ރުފިޔާއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ. [އެއީ] ތެދެއް. އެކަމަކު ކިހިނެތްތޯ ވީ؟ އެކްސްޕޯޓް ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި. އެކަން ކުރެވިދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ (އަބްދުﷲ ޔާމީނު) ވެސް މަހުގެ އަގު ބޮޑު ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެއަގަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އޮތީ ނުދީ ކަމަށެވެ.

"ރައްޔިތުންނަށް ފައިސާއެއް ނުދައްކައޭ. އަޅުގަނޑުމެންް ވެރިކަމަށް އައިސްފަ، އޭރު ނުދައްކާ އޮތް [ފައިސާ] ދައްކަން ޖެހުނީ. ތިރީސް ނުވަ މިލިޔަން ރުފިޔާ އަޅުގަނޑުމެން އައިސް ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހުނީ،" ސޯލިހު ވިދާޅުވި އެވެ.

ނަޝީދު ތަކުރާރުކޮށް ދައްކަވާ އަނެއް ވާހަކަފުޅަކީ މަހަށް ރަނގަޅު ހޯދުމަށް ޓަކައި " ވެލިއު އެޑްކުރަން ޖެހޭ" ކަމަށް ވިދާޅު ދައްކަވާ ވާހަކަފުޅެވެ. އެވާހަަކަފުޅަށް ވެސް ރައީސް ސޯލިހު ރޭ ރައްދު ދެއްވި އެވެ.

" ކީކޭތޯ ވިދާޅުވަނީ؟ ވެލިއު އެޑްކޮށްގެނޭ ރާއްޖޭގެ މަސް ބޮޑު އަގުގައި ވިއްކޭނީ. ކީއްތޯ ކުރެއްވީ؟ ފެލިވަރު ފެކްޓްރީ 50 ޓަނު ބަންދުކުރެވޭ ތަނެއް، 15 ޓަނަށް ކުޑަކުރެއްވީ ދެން ކޮން ވެލިއުއެޑެއްތޯ ކުރެވޭނީ؟" ރައީސް ވިދާޅުވި އެވެ.

ހައުސިން މަޝްރޫއުތައް ނުނިމޭ

ރައީސް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް، އެ ސަރުކާރެއްގެ ދައުރުގައި ނިމިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ ހައުސިން މަޝްރޫއުތަކުން ބައެއް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، މިސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ދަނީ ކުރިއަށް ކަމަށެވެ.

"މިހައިތަނަށް އެއްވެސް ސަރުކާރެއްގައި، އެ ސަރުކާރަކުން ފެށި ހައުސިން ނިޒާމެއް ނިންމައި، ރައްޔިތުން އެ ފްލެޓްތަކަށް ވެއްދިފައެއް ނެތް. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިސަރުކާރުގެ މި ފަސް އަހަރު ނިމޭ އިރުގައި އަޅުގަނޑުމެން ހަދަމުން އެދާ ފްލެޓްތައް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވޭ ވަރަށް، ދިރުއުޅެވޭ ވަރު އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ސަރުކާރުން ފަށާފައިވާ 8،700 އަށް ވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް ދަނީ ކުރިއަށެވެ.

ކޯލިޝަން ދެމި އޮތީ 2 މަސް ދުވަހު

ކޯލިޝަނަކާ އެކު މަސައްކަތް ކުރެއްވުމުގައި ނަޝީދު ނާކާމިޔާބު ވެވަޑައިގަންނަވާ ގޮތުގެ މިސާލެއްގެ ގޮތުގައި ރައީސް ސޯލިހު ދެއްކެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުކުންނަން އެމްޑިޕީން އެހެން ޕާޓީތަކާ އެކު ހެދި ކޯލިޝަން ރޫޅިގެން ދިޔަ ގޮތެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭރު އުފެއްދި ސަރުކާރު (ރައީސް ނަޝީދުގެ ސަރުކާރު) ބަލިކަށިވި އެއް ސަބަބަކީ ކޯލިޝަން ރޫޅުމެވެ.

"ދެހާސް އަށެއްގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެނަށް ލިބުނީ އަޅުގަނޑުމެނަށް ލިބުނީ 25 ޕަސެންޓް. އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ކޯލިޝަނެއް ހަދައިގެން. ސިޔާސީ އެހެން ފިކުރުގެ މީހުން އަޅުގަނޑުމެންނާ އެއްބައިކުރުވައިގެން.  އެހެން ނަމަވެސް ކިހިނެތްތޯ ވީ؟ ދެމަސް ނުވޭ. ދެމަސް ނުވޭ ކޯލިޝަން ރޫޅިގެން ދިޔައީ. ވީ ވައުދު އޮތީ އޮތް ތަނެއްގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއަށް ފަހުގައި އެ ސަރުކާރަށް ހުރަހަކަށް ފަހު ހުރަހެއް ކުރިމަތިވަމުން އައިސް ދައުރު ފުރިހަމަ ނުކޮށް އަނެއްކާ ވެސް ޖެހުނީ މަގުމައްޗަށް ނުކުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަކީ މިއަދަކު އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެން އިންތިހާބު ކުރާ ވެރިއަކު، ރައްޔިތުން ހަވާލުކުރާ ކަންތައްތައް ކުރުމަށް ޓަކައި އެ މުއްދަތުގައި ހުރެވެން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެ ގެންދަވަނީ އެކަންތައް ކުރައްވަމުން ކަމަށެވެ.

އެމްޑީޕީއަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް 48 ޕަސެންޓް ވޯޓް ލިބުނު ކަމަށާއި އެހެން ނަމަވެސް އެ އިންތިހާބު ކާމިޔާބު ނުކުރެވުނީ ދެވަނަ ބުރުގައި އެމްޑީޕއާ ބައިވެރިވާނެ ކޯލިޝަން ޕާޓްނަރެއް ނުލިބިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *