އެމްޑީޕީއަށް ފުރަތަމަ ފަހަރަށް ވެރިކަމަށް އާދެވުނު ގޮތާއި އެ ވެރިކަން ގެއްލުމަށް ފަހު ވީ ގޮތް ހަނދާންނައްތާލައިގެން ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މީދޫގައި އެމްޑީޕީގެ މެމްބަރުންްނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީ މަސައްކަތްް ކުރަން ޖެހޭނީ ކުރިއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ކޮން މަސައްކަތެއް ކާކާ އެކީ ކޮށްގެންތޯ ބަލައިގެން ކަމަށެވެ. އެމްޑީޕީއަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނު ގޮތް އެމްްޑީޕީގެ މެމްބަރުންނަށް އެނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއަށް ފަހު ތިން އަހަރުގެ ތެރޭގައި ސަރުކާރު ބަަދަލުވެ، މަގުމަތިވެގެން އަޅުގަނޑުމެން ދިޔަ ގޮތް މިއަދުވެސް އަޅުގަނޑުމެންގެ ހިތުގައި ހަރުލާ ހުންނާނެ. ހަނދާނެއް ނުނެެއްތޭނެ،" ރަައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ފަހުން 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހާލަތު އޮތް ގޮތް އަދި ހަނދާން ނުނެތޭ ކަމަށާއި އެ ދުވަސް ހަނދާނުން ފުހެލާކަށް ވެސް ނުވާނެ ކަމަށެވެ. އެ ދުވަސްވަރު އޮތީ އަނިޔާވެރިކަމާއި ބިރުވެރިކަން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަރުގެ އެތައް ހާދިސާއެއް ހިނގި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި މީދޫގެ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސް އަށް މާލޭގައި ބަޔަކު ވަޅިން ހަމަލާދީ މަރައިލި ހާދިސާއެވެ. ރަައީސް ވިދާޅުވީ އެއީ ހަނދާން ނައްތައިލެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ދެވަނަ ހާދިސާއެއް ހިނގައި އެއްވެސް ޒުވާނަކަށް އެފަދަ ގޮތެއް މެދުވެރިވުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ސަބަބަށް ޓަކައި އަޅުގަނޑުމެން އެނބުރި އެ ހާލަތަށް ދާން ބޭނުން ނުވަނީ" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދޭން އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ޖެހޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރުން ވަރަށް މުހިއްމެވެ. އެކަން ކުރެވޭނީ ތަފާތު ސިޔާސީ ފިކުރުގެ މީހުންނާ އެކު މަސައްކަތް ކުރެވޭނެ ކެންޑިޑޭޭޓަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.