logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅެއްގައި ރަށަަކަށް ވަޑައިގަންނަވަނީ.

ނަޝީދު ވިދާޅުވަނީ ނުފޫޒުގެ ކަންތައް، ޔާމީނު ޒަމާނަށް ވުރެ ވެސް މިހާރު ގޯސްކަމަށް!

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވިޔަ ނުދީ ނުފޫޒު ފޯރުވުމުގެ ކަންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ނުހިނގާ ވަރަށް މިހާރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތުކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ލ. އިސްދޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ތާއީދުކުރާ ކިތަންމެ ބަޔަކު ޔާމީނުގެ ވެރިކަމުގައި ވެސް ދިޔައީ އެޕާޓީއަށް ތާއީދުކުރަމުން ކަމަށާއި އެމްޑީޕީގެ ޖަލްސާތަކުގައި ވެސް ދިޔައީ ބައިވެރިވަމުން ކަަމަށެވެ. އެމްޑީޕީއަށް ތާއީދުކޮށް، އެމްޑީޕީގެ ހަރުގެތަކުގައި މީހުން އޭރު ދިޔައީ އިހުތިޖާޖުކުރަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ސާފުކޮށް އެނގޭ، ރައީސް ޔާމީނުގެ އެންމެ އަނދިރި ޒަމާނުގައި ވެސް މިކަމެއް، [ވާދަވެރިންގެ ހަރަކާތްތަކުގައި ބައިވެރިވާތީ އިންޒާރު ދިނުމުގެ ކަންތައްތަކެއް] މިރަށްރަށުގައި މި ދަރަޖައަކަށް ނުހިނގާ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅޭ ކިތަންމެ އެމްޑީޕީއަށް ތާއީދުކުރާ މީހުނެއް ދިޔައީ ތާއީދުކުރަމުން. އަދި އަޅުގަނޑުމެންގެ ޖަލްސާތަކުގައި ވެސް ބައިވެރިވަމުން. އަދި މި ހަރުގޭގައި ވެސް އަޑުހަރުކޮށް އެމްޑީޕީއަށް ތާއީދުކޮށް، އެބޭފުޅުން ދިޔައީ އިހުތިޖާޖުކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެހުރިހާ އެންމެން މިއަދު މާ ބޮޑު ބަނދެވުމަކުން ބަނދެވެން ވިސްނާ ކަމަށާއި އެއީ ހީލަތްތެރި ވިސްނުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ފޮރުވިގެން ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެ، އޭގެ މިސާލުތައް ވެސް ދެއްކެވި އެވެެ. އެގޮތަށް ދެއްކެވި މިސާލުން އެކަަމަކު އެނގުނީ އެމަނިކުފާނު އެ ވިދާޅުވާ ފަދަ ނުފޫޒެއް އަސްލުގައި ނެތްކަމެވެ.

"މިއިންނެވީ ސްޓޭޓްމިނިސްޓަރެއް، މުޖުތަބާ ފޮރުވިގެން ހުންނަވާކަށް ގަސްދެއް ނުކުރައްވާ. ޝިފާޒު، އަޅުގަނޑުމެންގެ ޕާޓީގެ ނައިބުރައީސް. ވަޒީރެއް،،" އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ކޯފާގެ ރާގެއްގައި އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި ކެންޑިޑޭޓުން ތިބެން ޖެހޭނީ ހަމަހަމަކޮށް ކަމަށެވެ. ވަޒީރަކަށް ވީތީ މި ކެމްޕޭނުގައި ރައީސުލް ޖުމްހޫރިއްޔާއަށް ސަނާކިއުއްވަން ޖެހިވަޑައިނުގަންނަވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހީން މުހައްމަދު ސޯލިހަށް މިއަދު ވެސް ނަޝީދު ގިނަ  ތުހުމަތުތަކެއް ކުރެއްވި އެވެ. އެފަދަ އެެއް ތުހުމަތަކީ އެކި ރަށްރަށުގައި ސަރުކާރުން ހިންގާނެކަމަށް އިއުލާނުކޮށްފައިވާ މަޝްރޫއުތައް ނުހިނގަނީ ރައީސް ސޯލިހު އެކަންކަމާ އަޅައިނުލައްވާތީ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެވެ. ބައެއް ވަޒީރުންގެ ނަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެއީ ހީވާގި ބޭފުޅުން ކަމަށެވެ.

"މީގެ އެއް ބޭފުޅަކަށް ވެސް އެއްވެސް ކަމެއް ނުވެގެން މިއުޅެނީ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، ރައީސުލް ޖުމްހޫރިއްޔާ ފޯނު ވެސް ނުނަންގަވަނީ. ވަޒީރު ބޭފުޅުންނާ ބައްދަލުނުކުރައްވާ އެބަ މަސް ދެމަސްވޭ،" އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް މީގެ ކުރިން ވެސް ވާދަވެރިކޮށް ބާއްވަ އެވެ. އެހެން ނަމަވެސް އެފަދަ އިންތިހާބުތަކުގައި ވާދަކުރައްވާ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މިހާ ބޮޑެތި ތުހުމަތުތައް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *