އެމްޑީޕީވެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ވަރަށް ގިނަ ގޭގެއަށް ވަދެވިއްޖެ ކަމަށާއި ހުރިހާ ގެއަކުން ހެން ކުރަނީ "ދޮގު ހަދާ ކަމުގެ ޝަކުވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ތ.ވިލުފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި ނެތަތީ ރައްޔިތުން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ އެއްވެސް ބޭފުކު އެއްވެސް ގެއަކަށް ވެދެވަޑައިގެންނެވި ނަމަ އެކަން ސާފުވެވަޑައިގަންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ބައެއް ގޭގެއަށް އެބަ ވަޑައިގަންނަވާ ކަމަށާއި ޝަކުވާ އޮތް ވަރު އެމަނިކުފާނަށް މިފަހަރު ސާފުވެވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަދި އަޅުގަނޑަށް މާބޮޑަށް އެބަ ސާފުވޭ، އަޅުގަނޑު ވެސް މިދަނީ ގޭގެއަށް ވަންނަމުން މީހުންނާ ބައްދަލުކުރަމުން. އެއްވެސް ގެެއެއް ނެތް ޝަކުވާއެއް ނެތް. އަދި ކޮންމެ ޝަކުވާއަކީ ވެސް ދޮގުހަދާކަމުގެ ޝަކުވާ. ކަމެއް ކުރާނެ ކަމަށް ވައުދުވެ، ކަމެއް ކުރާނެ ކަމަށް މާބޮޑަށް ކިޔައިދިނުމަށް ފަހުގައި ވެސް އެކަމެއް ނުކުރާކަމުން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ވެރިކަމަށް އަންނަން ވީ ވައުދުތަކާ ގުޅޭ ޝަކުވާތަކަކީ ޚުދު އެމަނިކުފާނަށް ވެސް ރައްދުވާ ޝަކުވާއަކަަށް ވާތީ، އެކަމުން ބަރީއަވުމުގެ ގޮތުން ވެސް ނަޝީދު ރޭ ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ސަރުކާރުން ކަމެއް ކުރާ އިރު އެމަނިކުފާނުގެ އަރިހުން ލަފާ ހޯދުން އެއްގޮތަކަށް ވެސް ނޯންނަ ކަމަށެވެ. އެމަނިކުފާނު ދެއްވާ ލަފައެއް ސަރުކާރުން ބަލައި ނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް އެނގޭ ތި ބޭފުޅުން ދެކިވަޑައިގަންނަވާ ކަން އަޅުގަނޑަކީ ވެސް އެމްޑީޕީގެ ރައީސް ކަމާއި އަދި މިސަރުކާރުގެ މެމްބަރެއްކަން. ހިތާމަޔާ އެކީގައި އެހެން ނަމަވެސް ދަންނަވާން ޖެހެނީ އަޅުގަނޑު ގާތުގައި މިސަރުކާރުގެ ފަރާތުން ކަމެއް ކުރުމުގައި އެއްގޮތަކަށް ވެސް ލަފާ އެހުމެއް ނޯވޭ،" ނަޝީދު ވިދާޅުވި އެވެ.
އެހެންވީމާ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެމްޑީޕީން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަށް ދަންނަވަން ވަރަށް އުނދަގޫ ކަމަށާއި ސަރުކާރަށް ވެސް ކަމެއް ކޮށްދެވޭނެ ކަމަށް ދަންނަވަން އުނދަގޫ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ރައްޔިތުންގެ މާޔޫސްކަން އިންތިހާއަށް ބޮޑުވަމުންދާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ހަގީގަތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ އިރު ނަޝީދު އެންމެ ގިނައިން ދައްކަވާ ވާހަކަފުޅަކީ ވައުދުވީ އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމުގެ ތުހުމަތާ އެކު ދައްކަވާ ވާހަކަފުޅެވެ.