logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދަރަނި ބޮޑުވުމާ ގުޅޭ ފާޑުކިއުންތަކަށް ފައްޔާޒުގެ ވަރުގަދަ ރައްދެއް!

ދައުލަތުގެ ދަރަނި ބޮޑުވާތީ ސަރުކާރަށް އަންނަ ފާޑުކިއުންތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އިންޑިއާއިން ނެގި 800 މިލިޔަން ޑޮލަރުގެ ދަރަންޏަކުން ކުރިއަށް ގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ފަށަން ހަނިމާދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރަނި ނަގައިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު މަސައްކަތްތައް ކަމަށެވެ. ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ފުޅާ ވެފައި ނެތީ އެ ސަރަހައްދަށް ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ނުފެށޭތީ ކަމަށާއި އެކަން ހަމަޖައްސަން ރިސްކު ނަގާނީ ކާކުތޯ ސުވާލު އުފެދުނު ކަމަށެވެ.

"އެ ރިސްކު ނަގަން ޖެހޭނީ ސަރުކާރުން. ސަރުކާރުން ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އެކަން ކުރަން ޖެހެނީ މި އަށްހާސް [ޓޫރިސްޓް] އެނދުވެސް މިތާ [އުތުރުގެ އަތޮޅުތަކުގައި] ހެދުމަށް ޓަކައި. އެހެންވީމާ އެކަން ރައީސުލް ޖުމްހޫރިއްޔާ މިވަނީ ކުރައްވާފައި،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ވެސް އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށެވެ. "ކުޑަރަށެއް ބޮޑުރަށެއް ނުބަލައި" ސަރުކާރުން އެ މަސައްކަތް ކުރަނީ ކުޑަރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަކީ ބޮޑުރަށުގެ ކާމިޔާބީއާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް ވެސް އޭނާ ވިިދާޅުވި އެވެ.

"އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަންތައް ދަރަނި ނަގައިގެން [މިސަރުކާރުން] ކުރަމުން މިދަނީ. އެއީ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކޮށް އަޅުގަނޑުމެންގެ އެންމެހާ ރައްޔިތުންނަށް ގައިން ތާރިހުވެވޭނެ ގޮތެއް ހޯދައި ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

"ދަރަނިވެސް ނަގާނަން، ބަނރޫޓެއް ވެސް ނުވާނެ"

ސަރުކާރުން ދަަރަންޏަށް ފައިސާ ނަގާތީ ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަަކަށް ވެސް ފައްޔާޒު ރޭ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ "ހަމަ މާދަމާ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް:" ބައެއް ފަރާތްތަކުން ބުނާތާ ހަތަރު އަހަރު ވެއްޖެ ކަމަށާއި އެކަމަކު އެހެން އެކަން ނުވާ ކަމަށާއި ނުވެސް ވާނެ ކަމަށެވެ.

"ދަރަނި ވެސް ނަގަން ޖެހޭ. ދަރަނި ނަގާނަން ވެސް މެ، އަދި އެ ދަރަނި މި ނަގަނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ރައްޔިތުންގެ ފައިދާއާއި މަންފާއާއި ކުރިއެރުމަށާ،" ފައްޔާޒު ވިދާޅުވި އެވެ.

ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އެތައް ގުނައަކުން ކުރިއަރައިގެން ދާނެ ކަމަށާއި އެއީ ވެސް ދަރަނި ނަގާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއު މުހިއްމުވީ އޭނާ ވިދާޅުވި ގޮތުގައި ތިލަދުންމަތީގައި ޓޫރިޒަމް ކުރި އެރުވުމަކީ އެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް އެންމެ އަވަހަށް ކުރިއެރުން ލިބޭނެ ކަންތަކަށް ވާތީ އެވެ. ޓޫރިޒަމް ކުރިއެރުވުގެ މަސައްކަތަކީ ރާއްޖޭގެ އިގުތިސާދު ޑައިވާސިފައިކުރުމުގެ މަސައްކަތާ އެއްކޮށް ހަމަ އެ ސްޕީޑުގައި ކުރިއަށް ގެންދާ މަަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނަގާތީ އިދިކޮޅު ފަރާތްތަކުގެ އިތުރުން ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *