logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Solih
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކ.ގުރައިދޫ ގައި ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޖަޒީރާ ރާއްޖެ ސިޔާސަތާ ދެކޮޅު ހަދަނީ އެހެން މަގުސަދެއްގައިކަމަށް ވެދާނެކަމަށް

"ޖަޒީރާ ރާއްޖެ" ސިޔާސަތާ ދެކޮޅު ހަދަނީ އެހެން މަގުސަދެއްގައި ކަމަށް ވެދާނެ: ރައީސް

ކުދިރަށްރަށަށް ވެސް އަސާސީ ހިދުމަތްތައް ދޭން ސަރުކާރުން ކުރާ މަސައްކަތަކީ އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ސިޔާސަތާ އެއްގޮތަށް ކުރާ މަސައްކަތެއް ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ އެހެން މަގުސަދެއްގައި ކަމަށް ވެދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ، އެއްވެސް ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކ.ގުރައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ކުދިރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އެއީ ބޭކާރު ހަރަދެއް ކަމަށް ބައެއް ބޭފުޅުންނަށް އެބަ ގަބޫލުކުރެވޭ ކަމަށެވެ. އެހެންވީމާ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވަން ނުކުމެ ތިބީ ކޮންބައެއްތޯ، އެމްޑީޕީގެ މެމްބަރުން ވިސްނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންގެ ވިސްނުން ބަދަލުވެގެން މިދިޔައީ ކީއްވެގެންތޯ؟ އަބަދުވެސް އެމްޑީޕީ ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަަރައްގީ ކުރުމަށް. މިއަދު މުޅިން އެއާ އިދިކޮޅަށް ވާހަކަދައްކަމުން ގެންދާކަމީ ހަމަ ގައިމު ވެސް އެއީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. ވަކި އެހެން މަގުސަދެއް އޭގެ ފަހަތުގައި އޮވެގެން ކުރާ ކަމަަކށް ވެދާނެ،" ރައީސް ވިދާޅުވި އެވެ.

އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ، އެ ވިސްނުމާ ކައިރި ނުވުމަށް އެޕާޓީގެ މެމްބަރުންނަށް އެ މަނިކުފާނު އިލްތިމާސް ވެސް ކުރެއްވި އެވެ.

ރަށްރަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ނޫނީ ރަށްރަށުގެ އިގުތިސާދު ބިނާ  ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު އެކަން ގުޅުއްވައިލެއްވީ ގުޅި، ގުރައިދޫ އަދި މާފުށީގެ މައިގަނޑު އިގުތިސާދީ ހަރަކާތް ކަމަށް މިޙާރު ވެފައިވާ ލޯކަލް ޓޫރިޒަމާ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް އެހެން ހިސާބަކަށް ގެންދެވޭނީ އަސާސީ ހިދުމަތްތައް ގާއިމްކޮށްގެންނެވެ.

ރާއްޖެއަށް ލޯކަލް ޓޫރިޒަމް ތައާރަފްކޮށްދިނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރައީސަކަށް ހުންނެވި އިރު ކަމަށް ބުނާ ވާހަކަ އަށް ވެސް ރައީސް މިއަދު ކޮންމެވެސް ވަރަކަށް ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޭން ސަރުކާރަށް ލާޒިމުކުރާ ގަރާރެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އުފެދުމުގެ ކުރިން 2008 ވަަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.

"ތެދެއް އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގައި އެބަހުރި މަސައްކަތްތަކެއް ކުރެވިފައި. އެހެން ނަމަވެސް ކުރިން ސަރުކާރުން ނިންމާފައި އޮތް އެ ނިންމުން [މާލެ ފިޔަވައި އެހެން ރަށްރަށުގައި ގެސްޓްހައުސް ހިންގަން ހުއްދަ ނުދޭން ނިންމާފައި އޮތް ނިންމުން] ބަދަލުވެގެން ދިޔައީ ، ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން،" ރައީސް ވިދާޅުވި އެވެ.

ރަށްރަށުގައި ގެސްޓްހައުސް އަޅަން ހުއްދަދޭން ސަރުކާރަށް ލާޒިމުކޮށް ގަރާރު ފާސްކުރި އިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުން، އެމަނިކުފާނުގެ ކެމްޕޭން ޓީމުގައި ތިއްބެވި ކަމަށާއި ޚުދު އެމަނިކުފާނުވެސް އޭރު މަޖިލީހުގައި އިންނެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، ޝާހިދު، މާރިޔާ ދީދީ. އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑުވެސް އެތާ އިންނަން ޖެހުނު އެދުވަސްކޮޅު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުން އޭރު އެކަން ފާސްކުރީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހުށަހަޅައިގެން ކަމަށާއި އެކަން ހިނގައި ދިޔަ ގޮތުގެ ހަގީގަތް މެމްބަރުންނަށް އެނގުން މުހިއްމު ކަމަށެވެ. ރަށްރަށުގައި ގެސްޓްހައުސްތައް ރަނގަޅަށް ހިންގަން ބޭނުންވާ ހިދުމަތްތައް ގާއިމްކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަަށް ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *