logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕްރައިމަރީއަށް ފަހު ވެސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީއަށް ފަހުގައި ވެސް އެމްޑީޕީ ބައިބައި ނުވެ، އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީ ޕްރައިމަަރީއަށް ނަގާފައިވާ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް، ޖަވާބުދެއްވަމުން އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ކެމްޕޭނު ފޯރީގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ކިތަންމެ ބޮޑަށް ފާޑުވިދާޅުވިޔަސް ނަތީޖާ ގަބޫލުކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ބޭއްވި އެތެރޭގެ އިންތިހާބުތަކުގައި ވެސް ކަންތައް ހިނގަނީ އެހެން ކަމަށެވެ.

"ކުރީގެ އިންތިހާބުތަކުގައި ނަންގަވާފައި ހުރި ފޯރީގައި ދައްކަވާފައި ހުރި ވާހަކަތަކާ ގުޅިގެން [އެކުގައި] ކުރިއަށް ނުދެވިވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ ހަމަ ގައިމު ވެސް،" އަނަސް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް މިފަހަރުގެ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވަނީ މީގެ ކުރީގެ އިންތިހާބެއްގައި އެކަން ހިނގާފައިވާ ވަރަށް ވުރެ މާ ބޮޑުކޮށެވެ. ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަަވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަކީ އެމްޑީޕީގެ ސިޔާސަތުތައް ނޫން ކަަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ސަރުކާރުގެ ވަކިވަކި މަސައްކަތްތަކަށް ވެސް އެމަނިކުފާނު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ނަޝީދު ރައީސަކަށް ހުންނެވި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކޮށްފައިވާ ކަންތައްތަކަށް ރައީސް ސޯލިހު ވެސް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނީ ބަޣާވާތަކުން ކަމަށް ބުނެ އެޕާޓީން ދަމަހައްޓަމުން އައި ގަބޫލުކުރުމާ ތައާރުޒުވާ ގޮތަށް، އެއީ ވެސް ނަޝީދުގެ ނާކާމިޔާބީއެއްގެ ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ ސިފަކުރައްވަމުންނެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކުރި ކަންއްތަތަކަށް ރައީސް ސޯލިހު ފާޑު ވިދާޅުވުމާއި މިހާރުގެ ސަރުކާރުގެ މަަސައްކަތްތަކަށް ނަޝީދު ފާޑުވިދާޅުވުން އެެއީ އެޕާޓީގެ ނާކާމިޔާބީއެއް ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު މިއަދު އަނަސްއާ ސުވާލުކުރި އެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަނަސް ވިދާޅުވީ ފާޑުކިއުންތައް އެ ހިސާބަށް ގޮސްފައި ވިޔަސް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުން އިއްތިފާގުވާ އެއް ކަމެއް އެބަ އޮތް ކަމަށާއި އެެއީ އެމްޑީޕީގެ ވެރިކަމެއް އޮތުމުގެ މުހިއްމުކަން ކަަމަށެވެ.

"އެހެންވީމާ އެއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ. މި ޕްރައިމަރީއަށް ފަހުގައި ވެސް އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮންނާނޭ. އެއީ ދެބޭފުޅުންގެ މަގުސަދު ވެސް، ދެބޭފުޅުންގެ ގޯލް ވެސް ދެބޭފުޅުން ދާން ބޭނުންވާ މަންޒިލު ވެސް ވަރަށް ސާފޭ. [އެއީ] އެމްޑީޕީގެ ވެރިކަމެއް އޮތުން، އެ މަންޒިލަށް ދިއުމަށް ޓަކައި އެ ޓާގެޓް ހާސިލުކުރުމަށް ޓަކައި އެމްޑީޕީ އެކަތިގަނޑަކަށް ވާނެ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ގެ މަގާމަށް ބޭފުޅަކު ހޮވަން ބޭއްވި އިންތިހާބަށް ކުރި ކެމްޕޭނުގައި ވެސް އެޕާޓީ ބައިބައިވީއޭ ހިސާބަށް ކަންތައްތައް ދިޔަ އެވެ. އެކަމަކު އެހެން އެކަން ނުވެ، މިހިސާބަށް އައީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ދެން ވެސް ފެންނާނީ އަށާވީސް ޖެނުއަރީ އަށް ފަހު، އެރޭ ވަގުތީ ނަތީޖާ އިއުލާނު ކުރެވުނީމާ، ކާމިޔާބުކުރައްވާ ފަރާތަށް ނާކާމިޔާބުވެ ވަޑައިގެންނެވި ބޭފުޅާ މަރުހަބާ ވިދާޅުވެފައި ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ފެންނާނީ އިރާދަކުރެއްވިއްޔާ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ ޝައުގުވެރިކަން އަބަދުވެސް އޮންނަ ކަމަށާއި އެއީ ބިރުވެރިކަމެއް ނެތި ހިޔާލުފާޅުކުރެވޭ އިންތިހާބުތަކަކަށް އެ އިންތިހާބުތައް ވާތީ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *