މި ލިއުން ލިޔަން ފެށުމުގެ ކުރިން ހައެއްކަ ފަހަރު ސުރުޚީ ޖެހީމެވެ. އެއީ މިހާރު މިލިޔާ ކަންކަމާ އެއްވެސް ގުޅުމެއް ނެތް ސުރުޚީތަކެކެވެ. އަދި އެ ގިނަ ސުރުޚީ އެކަތި އަނެކައްޗާ ވެސް ގުޅުމެއް ނެތެވެ. އެގޮތުގައި އެނބުރިއެނބުރި އިނދެވުނީ އެވެ. މިހެން ބުންޏަސް މި މައްސަލަ އަދި ނޭނގިދާނެ އެެވެ. އެކަމަކު "ޕްރޮކްރާސްޓިނޭޝަން" އޭ ބުނެފިއްޔާ އެނގޭނެކަން ގައިމެވެ.
އާއްމު ވިސްނުމަކީ މިއީ ކަންނެތް މީހުން ގަސްދުގައި އުޅޭ ގޮތެއް ކަމަށް ގަބޫލުކުރުމެވެ. އެކަމަކު މިއީ ނަފުސިއްޔާތުގެ އިލްމުވެރިން މިކަމާ ބެހޭ ގޮތުން އަބަދުމެ ދިރާސާކުރަމުން އަންނަ މަސައްސަލައެކެވެ. ކްލިނިކަލް ސައިކޮލޮޖިސްޓް ޖެނީ ޔިޕް ވިދާޅުވަނީ މިއީ ކަންނެތްކަމުގެ ސަބަބުން ވާ ކަމެއް ނޫން ކަަމަށެވެ. ކަންނެތްކަމާ ޕްރޮގްރާސްޓިނޭޝަނާ ދެމެދުގައި އޮތް ތަފާތު އޭނާ ސިފަކޮށްދެެއްވީ ވަރަށް ސާދާ ކޮށެވެ.
"ކަންނެތް ކަމަކީ ، މިކަމާ މެދު ވިސްނަން ވެސް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެޔޭ ހިތަށް އެރުން ކަހަލަ ކަމެއް. ޕްރޮގްރާސްޓިނޭޝަނަކީ، މިކަމާ ވިސްނަން އަހަރެންނަށް ވަރަށް އުނދަގުލޭ އެހެންވީމާ މިކަން ނިންމައިލަން އަހަރެންނަށް އުނދަގުލޭ ހިތަށް އެރުން. މި ދެކަންތަކުގައި ވަރަށް ބޮޑު ތަފާތު އެބަހުރި،" ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
ޖެނީ ޔިޕް އަލީ ކިޔެވުމުގައި ކުރިއަށްދާން އުނދަގޫވާ ކުދިންނަށް އެހީތެރިވާ، ލިޓުލް ތިންކާސް ސެންޓަރްގެ އެކްޒެކެޓިވް ޑިރެކްޓަރެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ޕްރޮކްރާސްޓިނޭޝަނުން ސަލާމަތް ވެވޭނީ އެއީ ކީއްވެ ކުރިމަތިވާ ކަމެއް ކަން ދެނެގަނެ، އެކަމަކާ ދެކޮޅަށް ހަނގުރާމަކުރަން ދަސްކޮށްގެންނެވެ. މި އުނދަގޫ ތަހައްމަލުކުރަމުން އަންނަ އެތައް މިލިޔަން މީހުންނަކަށް އެހީތެރިވާން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ސައިކޮލޮޖިސްޓް ލިންޑާ ސަޕާޑިން އެވެ. "ހައު ޓު ބީޓް ޕްރޮކްރާސްޓިނޭޝަން އިން ދަ ޑިޖިޓަލް އޭޖް" ގެ ނަމުގައި އޭނާ ފޮތެއް ލިއުއްވީ އެ މަގުސަދުގަ އެވެ.
"ތިޔައީ ޕާފެކްޝަނިސްޓަކަށް [އެންމެ ފުރިހަމަކޮށް ނޫނީ ކަމެއް ކުރަން ބޭނުން ނުވާ މީހަކަށް]، ހުވަފެން ދެކޭ މީހަކަށް، ކަންކަމާ ހަނގުރާމަކުރާ މީހަކަށް ނުވަތަ ކަންކަމާ ދެކޮޅު ހަދާ މީހަކަށް ވެދާނެ. " ޕްރޮކްރާސްޓިނޭޝަންގެ ވައްތަރުތައް ލިސްޓްކުރައްވަމުން ލިންޑާ އޭނާގެ ފޮތުގައި ލިއުއްވާފައި ވެ އެވެ.
އެހެން ނަމަވެސް ޕްރޮގްރާސްޓިނޭޝަންގެ މި ވައްތަރުތަކަކީ ދިރާސާކޮށްގެން ކަނޑައަޅާފައިވާ ވައްތަރުތަކެއް ނޫނެވެ. އަދި މިއީ ނަފުސާނީ ފަރުވާ ދިނުމުގައި ޑަޔަގްނޯޒް ކުރާ މިންގަނޑުތަކެއް ވެސް ނޫނެވެ. އެކަމަކު މިއީ ނަފުސިއްޔާތުގެ ނަޒަރިއްޔާއިން ބަލާއިރު މީހަކު ޕްރޮގްރާސްޓިނޭޓްކޮށްފާނެ ސަބަބުތަކެވެ.
ބޮޑެތި މައްސަލަތަކެއްގެ ފެށުން
ޕްރޮކްރާސްޓިނޭޝަނަކީ އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ދިމާވާނެ އެވެ. އެއީ ކުރާ މަަސައްކަތް ނުވަތަ ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ވެސް ނާކާމިޔާބުވެ، ބޮޑެތި މައްސަލަތައް އުފެދޭނެ ކަމެކެވެ. އެކަމަކު އެެއަށް ވުރެ ވެސް އަދި ބޮޑެތި މައްސަލަތައް ކުރިމަތި ވަނީ މީހާގެ ނަފުސާނީ ދުޅަހެޔޮކަމަށެވެ.
އެމެރިކާގެ ކޮލެޖްތަކުގައި ކިޔަވާ 3،500 ދަރިވަރަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ނަފުސާނީ ބޮޑެތި މައްސަލަތައް ކަމަށްވާ އެންޒައިޓީއާއި ޑިޕްރެޝަނާ ހަމަނިދި ނުލިބުން ފަދަ އެތައް ކަމަކާ ގުޅިފައި އޮންނަނީ ޕްރޮކްރާސްޓިނޭޝަނެވެ.
"ހާއްސަކޮށް އެމެރިކާގައި، މިތާ އަހަރެމެންގެ އަގު ވަޒަން ކުރަނީ އަހަރެމެން ކުރާ ކަމަކާ، ކުރާ ގޮތާއި އުފައްދާ އެއްޗަކާ ގުޅުވައިގެން. އެހެންވީމާ ކުރަން އުޅޭ ކަމެއް ނުކުރެވިއްޖެ ނަމަ އެކަން ވާނީ ވަރަށް ބޮޑު ލަދަކަށް،" އެމެރިކާގެ ޝިކާގޯގައި ދިރިއުޅުއްވާ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ވާރާ ސަރިޕާލީ ސީއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެ އެވެ.
"އެކަމުން [ޕްރޮކްރާސްޓިނޭޝަނުގެ ސަބަބުން] މީހުންނަށް އިހުސާސުވާނީ އެމީހުން މުޅިން ނާކާމިޔާބުވެއްޖެ ކަމަށް، އިތުރަށް މަސައްކަތްކުރަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތްކަމަށް،" ސަރިޕާލީ ވިދާޅުވެފައި ވެ އެވެ.
ޕްރޮކްރާސްޓިނޭޝަންގެ މައްސަލަ ފެތޭނީ ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. ކޮންމެ މީހަކަށްވެސް އެ މައްސަލައިގެ ހައްލަކަށް މަސައްކަތް ކުރެވޭނީ އެމީހެއްފެ މައްސަލަ ފެތެނީ މީގެ ތެރެއިން ކޮން ބަޔަކަށް ކަން ދެނެގަނެގެންނެވެ.
"ޕާފެކްޝަނިސްޓް ނުވަތަ ވޮރިޔާ"
ކޮންމެ ޕްރޮކްރާސްޓިނޭޓަރަކަކީ ޕާފެކްޝަނިސްޓެއް،" ޔިޕް ވިދާޅުވެ އެވެ.
ޕާފެކްޝަނިސްޓަކީ އޭނާ ކުރާ ކަމެއް އެންމެ ފުރިހަމައަށް ނޫނީ ކުރަން ބޭނުން ނުވާ މީހާ އެވެ. އެކަން ކޮށް ނިމޭ އިރު އޮންނަން ޖެހޭނެ ގޮތުގެ ފުރިހަމަ ތަސައްވުރެއް އޭނާގެ އޮންނާނެ އެވެ. އެހެންވީމާ އެއީ ވަރަށް ބޮޑު މަަސައްކަތެކެވެ. އެހާ ބޮޑު މަސައްކަތެއް ރަނގަޅަށް ރާވައި ނުލެވުނީމާ ވާ ގޮތަކީ ޕާފެކްޝަނިސްޓް ވާ ވަދެ، ކުރަން އުޅުނު އަސްލު މަސައްކަތް ހަނދާން ނެތި އެހެން ދިމާލަކަށް ދެވުމެވެ.
ވޮރިޔާ އެއް ކަމަށް ބަލަނީ ކުރަން އުޅޭ ކަމަކަށް އެހެން މީހުންގެ ތާއީދު އޮތްކަން ޔަގީންކޮށްގެން ނޫނީ އެކަމެއް ފަށަން ވެސް ބޭނުން ނުވާ ، އަދި ކަމެއް ވަކި ގޮތަކަށް ނުކުރެވުމުން އެހެން ގޮތެއް ހޯދަން ދެކޮޅުހަދާ ބާވަތުގެ މީހުންނަށެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކޭމްބްރިޖްގެ ރިސާޗަރެއް ކަމަށްވާ އިޓަމަރް ޝާޒް ވިދާޅުވާ ގޮތުގައި މި ދެބާވަތުގެ މީހުންނަށް ވެސް އެންމެ އުނދަގޫ ވާނީ މަސައްކަތް ފެށުމެވެ. ނާކާމިޔާބުވެދާނެ ކަމުގެ ނުވަތަ ފާޑުކިއުމާ ކުރިމަތިވެދާނެކަމުގެ ބިރަށް މި ދެބާވަތުގެ މީހުން ވެސް މަސައްކަތް ނުފަށައި މަޑުކުރެ އެވެ.
އެކަމުން އަރައިގަންނަން ކުރަން ޖެހޭނެ ކަމަކީ އަމިއްލަ ގަބޫލުކުރުމަށް ގޮންޖެހުމެވެ. ކަނޑައަޅައިގެން ތިޔަ އުޅޭ އަމާޒަކީ ހަގީގަތުގައި ހާސިލުނުކުރެވޭ ވަރުގެ ކަމެއް ކަމަށް ގަބޫލުކުރުމެވެ. އަދި ކޮންމެވެސް ވަރަކަށް ގޯސް ހެދިދާނެކަން ގަބޫލުކޮށް، އެކަމަށް ޖާގަދޭން އެއްބަސްވުމެވެ.
"ދަ ޑްރީމާ
ޕްރޮކްރާސްޓިނޭޝަންގެ މަައްސަލައިގެ އިސްތިލާހުގައި "ޑްރީމާ" (ހުވަފެން ދެކޭ މީހާ) އަކީ ކަަމެއް ހާސިލުކުރުމަށް ޓަކައި އެކަމަކަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތް ކުރަން ޖެހޭ ގޮތްތަކުގެ ތަފްސީލަށް ނުވިސްނައި ކަންކަމާ އުޅޭ މީހުންނެވެ.
"އެމީހުން ކަންކަމާ ދޭތެރޭގައި ކުރާނީ ހިޔާލުތަކެއް، މިސާލަކަށް، އެއީ ކޮށްލަން މަޖާ ކަމެކޭ ، އެއީ ކުރަން އުނދަގޫ ކަމެކޭ ނުވަތަ އެއީ ފޫހިމަކޭ، މިފަދަ ހިލާތުތައް." ސަރިޕަލީ ސީއެންއެެންއަށް ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ހަމަ ޕާފެކްޝަނިސްޓެކޭ ވެސް އެއް ފަދައިން ޑްރީމާ ވެސް މަސައްކަތް ކުރާނީ ކުރިން ކުރި ކަމަކަށް ވުރެ މޮޅަށް ދެވަނަ ކަމެއް ކުރުމަށެވެ. އެކަމުން ސަލާމަތްވުމަށް ޓަކައި ކުރަން ޖެހޭ ކަމަކީ ހާސިލުކުރެވޭ ވަރުގެ ލަނޑުދަނޑިތައް ކަނޑައަޅަން އަމިއްލަ ނަފުސު ހޭނުވުމެވެ. ހާސިލުކުރެވޭ ވަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް ޓަކައި އަމިއްލަ ނަފުސާ މިސުވާލުތައް ކުރެވިދާނެ އެވެ،. " ކޮން ކަމެއް، ކޮންއިރަކު، ކާކު، ކީއްވެ އަދި ކިހިނެތް،" މި ސުވާލުތަކެވެ.
މީގެ ބޭނުމަކީ "ކޮންމެވެސް ދުވަހަކުން ނުވަތަ ވީހާ އަވަހަކަށް" ހާސިލުކުރާނެ ކަންތައްތަކެއްގެ ގޮތުގައި، ލަނޑުދަނޑިތައް ކަނޑައަޅައި ބޮލަށް އުނދަގޫ ކުރަން ނުބެހެއްޓުމެވެ. އޭގެ ބަދަލުގައި އެކަމެއް ނިންމަން ޖެހޭ ވަކި ތާރީހެއް ކަނޑައަޅައި، އެ ތާރީހަކަށް މަސައްކަތް ކުރުމެވެ.