logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމށް ފަހު އުފާފާޅުކުރަން ބޭއްވި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ރައީސް އެދިވަޑައިގެންނެވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އަލުން ތެދުވަން!

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ވާދަވެރި އަދި ހަމަނުޖެހުން ބޮޑު އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް އަލުން އެކަތިގަނޑެއްގެ ގޮތުގައި ޕާޓީއާ އެކު ކުރިއަށްދާން ރައީސް ސޯލިހު މިރޭ ތަކުރާރުކޮށް އެދިވަޑައިގެންފި އެވެ.

ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމަށް ފަހު އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި އުފާފާޅުކުރުމުގެ އެއްވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި، އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށާއި ޕްރައިމަރީގައި ފެޅިއަކަށް ބެހިފައި އޮތަސް، އެ ދެފަރާތުގައި އޮންނާނީ އެއް ވިސްނުމެއް ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ސުލްހަޔާއި ހަމަޖެހުން ގެނެސްދިނުމާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމެވެ. ދެފަރާތުގެ ވެސް ވިސްނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ދެފަޅީގެ ވެސް އޮންނާނެ ވިސްނުމަކީ. އެހެންކަމުން މިއީ އަކީ އެއްނުކުރެވޭނެ ދެބައެއް ނޫން. ތިޔަ ހުރިހާ ބޭފުޅުން ވެސް މިރެއިން ފެށިގެން މަސައްކަތްކުރައްވަން ވީ އަޅުގަނޑުމެން އަނެއްކާ ވެސް އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ އަޅުގަނޑުމެންގެ އިދިކޮޅު ޕާޓީއާ ވާދަކޮށް އިންތިހާބު ކާމިޔާބުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކެމްޕޭނު ކުރި ރޫހުގައި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ރައީސް މިރޭ ވެސް އެމަނިކުފާނާ ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހަރަކާތް ކުޑަ ދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔަކަމަށާއި އެއީ ޕާޓީގެ އެތެރޭގައި އޮންނަންވީ އެކުވެރިކަން ނެތުމުގެ ސަބަބުން ކަމަށެވެ. ސަރުކާރާ އެކީ ކުރިއަށް ދާންވީ ސްޕީޑުގައި ދިއުމަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެކަން ހަނދާން ނައްތައިލުމަށް ފަހުގައި އަޅުގަނޑުމެން އަނެއްކާ ވެސް ކުރިއަށް ދާންވީ. އެމްޑީޕީއާ އެކީގައި ކުރިއަށް ދާންވީ. އަޅުގަނޑު މިހުރީ އެމްޑީޕީއާ އެކީގައި ތިޔަ ހުރިހާ ބޭފުޅުންނާ އެކީގައި ކުރިއަށް ގޮސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރި ވަރުގަދަ ކެމްޕޭނަށް ފަހު ކުޑަކޮށް އަރާމުކޮށްލާފައި ރިޔާސީ އިންތިހާބުގެ ކެމްޕޭނައިގެން ކުރިއަށްދާން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި ހޯއްދަވައިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *