އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ކުރިއްސުރުރެ އުޅުއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ސިޔާސީ ހަރަކާތްތަކުގައި އެހާ ބޮޑަށް ނޫޅުއްވައި ހުންނެވުމަށް ފަހު މިއަދު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން މަަސައްކަތްކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުގެ 61 ޕަސެންޓް ހޯއްދަވައިގެންނެވެ. އެ ނަތީޖާއަށް ފަހުގައި ވެސް އެމަނިކުފާނަށް ތާއީދު ނުކުރައްވާނެ ކަމަށް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އާއެކީ އެމް.ޑީ.ޕީ އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ނިންމައިފިން. pic.twitter.com/LBtbGtxeT8
— Ibrahim Muixxu (@muixxu) February 6, 2023
ޕްރައިމަރީއަށް ފަހު ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮތްޕެއް އުފައްދައި، އެ ގޮތްޕަށް މެމްބަރުން އިތުރުކުރެއްވުމުގެ މަސައްކަތެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް އެ ގޮފިން ނިންމާނީ އަދި ފަހުންނެވެ. ރައީސް ސޯލިހަށް ތާއީދުކުރެވެން ނެތީ އެމަނިކުފާނާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުނުކުރެވޭނެތީ ކަމަށް ވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.