logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024
ކުޑަގިރި ޕިކްނިކް އައިލެންޑް. ފޮޓޯ:އެޗްޑީސީ

ކުޑަގިރީގެ އެކި ހިދުމަތްތަކުގެ އަގުތައް!

އަންނަ ހޮނިހިރު ދުވަހު ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ކުޑަގިރީފައި ގާއިމްކޮށްފައިވާ އެކި ވަސީލަތްތައް ބޭނުންކުރަން، ދަތުރުދާ ފަރާތްތަކުން ދައްކަން ޖެހޭނެ އަގުތައް އެޗްޑީސީއިން މިއަދު އާންމުކޮށްފިއެވެ.

އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މާކެޓިން ޕީއާރު ޑައިރެކްޓާރ ނިއުޝާދު ޝަރީފު ވިދާޅުވީ ހަފުތާބަންދު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ދިވެއްސެއްގެ އަތުން އެރަށަށް އެރުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށާއި އެހެން ނަމަވެސް ، އެރަށުން ލިބެން ހުންނަ ބައެއް ހިދުމަތްތަކުން އަގު ނަގާނެ ކަމަށެވެ. ހަފުތާ ބަންދު ފިޔަވައި އެހެން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް ވެސް އަގު ނަގާނެ އެވެ.

ހަފުތާ ބަންދު ދުވަސްތައް އަދި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ކުޑަގިރިއައް އެރުމަށް ދިވެހިންގެ އަތުން އަގު ނަގާނީ ބޮލަކަށް 50ރގެ ރޭޓުންނެވެ. . އެހެން ނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެ ދުވަސްތަކުގައި ވެސް އަގެއް ނުނަގާނެ ކަމަށާއި ދެ އަހަރުން މަތީގެ ކުޑަކުދިންނަށް ނަގާނީ 25ރ ކަމަށް ވެސް ނިއުޝާދު ވިދާޅުވިއެވެ.

ވޯކް ޕާމިޓް އޮންނަ ބިދޭސީން ކުޑަގިރިއަށް އެރުމަށް ނަގާނީ 75ރ އެވެ.  އެހެން ނަމަވެސް އާއިލާތަކުގެ ގޭގައި ގެންގުޅޭ މެއިޑުންގެ ތެރެއިން ކޮންމެ އާއިލާއަކަށް ވެސް ދިވެހިންގެ އަތުން ވެސް ނަގާ އަގުގައި، އެއްް މެއިޑް ގެންދެވޭނެ އެވެ.

އަށިތަކަށް ނަގާ އަގުތައް

ދަތުރުދާ މީހުން ބޭނުންކުރަން ކުޑަގިރީގައި ހަދާފައި ހުރީ 13 އައްޓެވެ. އެ އަށިތައް ހަދާފައި ހުރީ ކެއުމަށާއި ގެންދާ ތަކެތި ބެހެއްޓުން އަދި ކަރަންޓާއި ބޯފެނުގެ ހިދުމަތް ބޭނުންކުރެވޭ ގޮތަށެވެ. ދެސައިޒަކަން ހުންނަ އެ އަށިތަކުގެ ތެރެއިން ކުދި އަށިތައް، ބައި ދުވަހަށް ނަގާނީ 250ރ އެވެ. އެއިން އަށްޓެއް މުޅި ދުވަހަށް ނެގޭނީ 500ރ އަށެވެ

ކުޑަގިރީގައިވާ ބޮޑެތި އަށިތަކަކީ އެއް ވަގުތެއްގައި ދެ ގްރޫޕަކަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އަށިތަކެކެވެ. އެއިން އަށްޓެއް އެއްކޮށް، މުޅި ދުވަަހަށް ނަގާ ނަމަ އަށް 1،200ރ ދައްކަން ޖެހޭނެ އެވެ.

މާލޭގައި ދިރިއުޅޭ މީހުން މީގެ ކުރިން ދަތުރުގޮސް އުޅުނު، ކުޑަ ބަނޑޮސް ފަދަ ރައްތަކަށް ދަތުރު ދާއިރު ކެއްކުމަށް އުނދުން އަދި ގޭސް ފުޅި ގެންދިއުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު ކުޑަގިރިއަށް އުނދުން، ގޭސްފުޅި އެރުވުން ވަނީ މަނާކޮށްފައެވެ. އެޗުޑީސީން  ބުނީ ކެއްކުމަށް ބޭނުންވާނެ އުނދުން އަދި ގޭސްފުޅި އެރަށުން ލިބެން ހުންނާނެ ކަމަށެވެ. ކެއްކުމަށް ބޭނުންވާ ސާމާނު އެރަށުން ލިބެން ހުންނައިރު އެތަކެތީގެ އަގުތައް މިއަދު ހަވީރު ކުޑަގިރި އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އަމިއްލަ އުޅަދުގައި ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް  އޮންނަ އިރު އެގޮތަށް ދާ އުޅަދުފަހަރު އެރަށުގައި މަޑުކުރަން ބޭނުންވާނަމަ އެކަމަށް ވެސް އަގު ދައްކަން ޖެހެ އެވެ. ކުޑަގިރީގެ ފަޅުތެރޭގައިވާ ފައްތިޔާތަކުގެ (ފަޅުތެރޭގައި ދޯނި އެޅުމަށް ހަމަޖެހިފައިވާ ތަންތަނުގެ) ތެރެއިން ފައްތިލަޔެއް ބައި ދުވަހަށް ބޭނުންކުރަން 250ރ ދައްކަން ޖެހޭ އިރު މުޅި ދުވަހަށް 500ރ ދައްކަން ޖެހޭނެ އެވެ.

އަންނަ ހޮނިހިރު ދުވަހު ކުޑަގިރި އާންމުންނަށް ހުޅުވިގެންދާއިރު އެރަށައް ދަތުރު ދިއުމަށް ބުކް ކުރަން ޖެހެއެވެ. އެގޮތުން އެރަށައް އެރުމަށް ބުކް ކުރެވޭނީ އެޕް އަދި އެރަށުގެ ވެބްސައިޓް މެދުވެރިކޮށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *