logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

އުމަރު ޒާހިރު އޮފީސް އިމާރާތަކީ އޮފީސްތަކުގެ ކުއްޔަށް ކުރާ ބޮޑު ހަރަދަށް ލިބުނު ހައްލެއް : ރައީސް

މިއަދު ހުޅުމާލޭގައި ހުޅުވި އޮފީސް އިމާރާތަކީ ކުލީ އިމާރާތްތަކަށް ސަރުކާރުން ކުރަން ޖެހުނު ބޮޑު ހަރަދަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އޮފީސްތައް ހިންގަން ހުޅުމާލޭގައި ސަރުކާރުން އެޅި ، "އުމަރު ޒާހިރު އޮފީސް އިމާރާތް" ގެ ނަމުގައި ހުޅުވަން އެ އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުލީ އިމާރާތްކަތަކަށް ސަރުކާރުން ބޮޑު ހަރަދެއްކުރާކަމުގައެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަން އަމިއްލަ ފަރާތްތަކުގެ ތަންތަން ކުއްޔަށް ނެގުމަކީ ދައުލަތުގެ ބަޖެޓުން ކުރަން ޖެހިފައިވާ އިންތިހާއަށް ބޮޑު ހަރަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުގެ އޮފީސްތައް ހިންގަން ކުއްޔަށް ކުރަން ޖެހޭ ހަރަދު މިހާރުވެ ވެސް ދަނީ ބޮޑުވަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ. 

"އެހެން ކަމުން މި އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ މި ދެންނެވި ދަތިތަކަށް ހައްލެއް ހޯދުން. އަަޅުގަނޑަށް އެނގޭ އަދި ވެސް އިތުރަށް، ސަރުކާރުގެ އޮފީސްތައް ހިންގުމަށް ޓަކައި އިމާރާތް ބޭނުންވާ ކަން. އަޅުގަނޑުމެންގެ ޕްލޭނުގައި އަދި ވެސް އެބަ އޮތް ސަރުކާރުގެ އޮފީސްތަކަށް އިތުރު އިމާރާތްތަކެއް ބިނާކުރުމުގެ ޕްލޭން. ،މި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖެހިފައި. އެއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް. އަދި ހަޔަ އެޑިއުކޭޝަން  މިނިސްޓްރީ. މިއިމާރާތަށް އެ ތިން މިނިސްޓްރީ ބަދަލުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ހަރަދުތަކުން ބޮޑު ބައެއް ސަލާމަތް ވުން،" ރައީސް ވިދާޅުވި އެވެ.

ކުރިން ސަރުކާރުގެ ބައެއް އޮފީސް ހިންގަމުން އައި ދެ އިމާރާތުގެ ތެރއިން ހުރަވީ ބިލްޑިންގ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުން އެތަން ތަޅާލާފައި ވާތީ އާއި އަދި ޣާޒީ ބިލްޑިންގ ވެސް ބާވެ ބޭނުންނުކުރެވޭ ވަރު ވެފައިވާތީ އިމާރާތުގެ ދަތިކަން ސަރުކާރުގެ އޮފީސްތަކަށް ކުރިމަތިވެފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެކަން ހައްލު ކުރުމަށްޓަކާ ޕްލޭތަކެއް ކޮށްފައިވާ ކަމުގައާ، ސަރުކާރުގެ އޮފީސް ހިންގުމަށްޓަކާ އިތުރު އިމާރާތެއް ބިނާ ކުރުމުގެ ޕްލޭން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ އަހަރުތަކެއް ފަހުން ސަރުކާރުގެ އިމާރާތެއް ހުޅުވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ސަރުކާރުގެ އިމާރާތެއް ހުޅުވާފައި ވަނީ ރައީސް މައުމޫނުގެ ވެރިމަކުގައި 2002 ވަނަ އަހަރުގައެވެ. މިއަދު ހުޅުވި މި އިމާރާތުގަ ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ޖެންޑާ މިނިސްޓްރީ އާއި، ހަޔައެޑިއުކޭޝަން މިނިސްޓްރީ އާއި  ޓްރާންސްޕޯޓް މިނިސްޓްރީއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *