logo minivan

English

އަންގާރަ, 23 ޖުލައި 2024

ރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ނުދިޔަ ނަމަ ވާނެ ގޮތް އެއީ ބަހުސެއް: ޝާހިދު

ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ނުދިޔަ ނަމަ ރާއްޖެ މިހާރު އޮންނާނީ ކޮން ހާލަތެއްގައި ތޯ އެއީ ސުވާލުކޮށް، ބަހުސްކުރެވިދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ފޮރިން ސާވިސް އިންސްޓްެޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން އިން އިންތިޒާމްކޮށްގެން މިއަދު ފެށި "އައުޓްރިޗް" ޕްރޮގްރާމްގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަަށް މިނިވަން ދައުލަތެއްގެ ގޮތުގައި އޮވެވޭނެ ގޮތަކީ އެއީ ކަމަށް ރާއްޖޭގެ އޭރުގެ ވެރިންނަަށް ގަބޫލުކުރެއްވިގެން ކަމަށެވެ. އޭރުގައި މުޅި މި ސަރަހައްދުގައި ވެރިކަން ކުރަމުން ގެންދިޔައީ އިނގިރޭސިން ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭރު ދިވެހިރާއްޖޭގެ ވެރިންނަށް ފެނިވަޑައިގަތީ އަޅުގަނޑުމެން ކަހަލަ ކުޑަ ގައުމަކަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި ތިބެވޭނީ ކޮންމެވެސް ބާރުގަދަ ބައެއްގެ ބެލުމުގެ ދަށުގައި ތިބިއްޔާއޭ. އޭރުގެ ވިސްނުން އެއީ. ކުރެވިދާނެ ބަހުސެއް، އިލްމީ ބަހުސެއް ތިޔަ ބޭފުޅުންގެ ތެރެއިން. ތިޔަ ބޭފުޅުން ދިރާސާކުރައްވަން އަޅުގަނޑު އެދެން. ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ނުދިޔަ ނަމަ ދިވެހިރާއްޖެ މިއަދު އޮންނާނީ ކޮން ތަނެއްގައިތޯ؟" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އޭރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ނުދިޔަ ނަމަ މި ސަރަހައްދުގެ ބޮޑު ގައުމެއްގެ ބަޔަކަށް ވެގެން ނުދިޔައީސްތޯ އެއީ ވެސް އިލްމީ ދިރާސާއެެއް ކުރަން ރަނގަޅު ސުވާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމުގައި ވަކިގޮތަކަށް ވިދާޅުވަނީ ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތަށް ނުދިޔަ ނަމަ މި ސަރަހައްދުގެ ބޮޑު ގައުމެއްގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެން ނުދިޔައިސްތޯ؟ އަޅުގަނޑު ވަކި ގޮތަކަށް ދަންނަވަނީކީ ނޫން އެކަމަކު ހަމަ މިއީ ސުވާލުކޮށްލަން ރަނގަޅު، އިލްމީ ދިރާސާއެއް ކޮށްލަން ރަނގަޅު ނުކުތާއެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިމޭރުމުން ވާހަކަ ދެއްކެވީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔައީ ކީއްވެގެންތޯ ޕްރޮގްރާމްގެ ބައިވެރިއަކު ސުވާލުކުރުމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ފުރަތަމަ ވިދާޅުވި ގޮތުގައި 1887 ވަނަ އަހަރު ރާއްޖެ އިނގިރޭސީންގެ ހިމާޔަތަށް ދިޔަ އިރު އިންޑިއާކަނޑުގެ ގިނަ ގައުމުތައް ހުރީ އިނގިރޭސީންގެ ބާރުގެ ދަށުގަ އެވެ.

"ސިލޯނު އޮތީ ކޮލޮނީއެއްގެ ގޮތުގައި، އިންޑިއާ އޮތީ ކޮލޮނީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ އިރުމައްޗަށް ބަލައިލައިފިއްޔާ މެލޭޝިއާ، ސިންގަޕޯ މުޅި މިސަރަަހައްދު އޮތީ އުނގިރޭސީންގެ އަތްދަށުގައި،" ޝާހިދު ވިދާޅުވި އެވެ.

އައުޓްރިޗް ޕްރޮގްރާމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ހާރިޖީ ދާއިރާގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި މިއަދު ކުރެއްވި ތަގުރީރު ފަށްޓަވަމުން ޝާހިދު ވިދާޅުވީ އެންމެ ގަދީމީ ޒަމާނުގައި ވެސް ރާއްޖެއަކީ މިނިވަން ދައުލަތެއް ކަމަށެވެ. އެކަން އެނގެނީ ރޯމަނުންގެ އެމްޕެެރާ ޖޫލިއަސްގެ އަރިހަށް ހަދިޔާއާއި އެކު ދިވެހި ވަފުދެއް ދިޔަކަން ރޯމަނުންގެ ފަތްފުއްތަކުން ފެންނަން ހުރީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *