logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ބިންހެލުމުގައި މަރުވި މީހުންގެ އައިލާއެއްގެ ބަޔަކު ހިތާމާފާޅުކުރަނީ ފޮޓޯ: އީޕީއޭ

ތުރުކީ-ސީރިޔާ ބިންހެލުން: މަރުވި އަދަދު 50،000 ހާހުން މައްޗަށް

ތުރުކީ އާއި ސީރިއާއަށް މި މަހުގެ ކުރީކޮޅު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 50،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ދެ ގައުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތުރުކީގައި އެކަނިވެސް ބިންހެލުމުގެ ސަބަބުން 44،218 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ހުކުރު ދުވަހު ވަނީ ބުނެފައެވެ. ސީރިއާގައި މަރުވި މީހުންގެ އަދަދަކީ 5،914އެވެ.

ތުރުކީގެ ދެކުނުއިރުމަތީ ސަރަހައްދާއި ސޫރިޔާގެ އުތުރުގެ ސަރަހައްދަށް ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައި ފުރަތަމަ ބިންހެލުމުގެ ބާރުމިނުގައި 7.7 މެގްނިޓިއުޑް ހުރިއިރު، އޭގެ ތަންކޮޅެއް ފަހުން އައި ދެވަނަ ބިންހެލުމުގެ ބާރުމިނުގައި ހުރީ 7.6 އެވެ. އޭގެ ފަހުން އެ ސަރަހައްދަށް 9،000 އަށް ވުރެ ގިނަ އާފްޓާ ޝޮކް އައިސްފައިވާ ކަމަށް އޭއެފްއޭޑީން ބުނެއެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު ތުރުކީގެ 11 ޕްރޮވިންސްގައި ވޮލަންޓިއަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 240،000 ރެސްކިއު ވޯކަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް ފުރަތަމަ ވަނުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރިކަވަރީގެ މަސައްކަތްތައް ކުރިއަށްދާ އިރު، މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ތުރުކީގެ ކާރިސާގެ ސަރަހައްދުން އެކަނިވެސް ގާތްގަނޑަކަށް 530،000 އެއްހާ މީހުން ހުސްކޮށްފައިވާއިރު، ތުރުކީ ސަރުކާރުން ބުނީ މިހާތަނަށް 173،000 އިމާރާތް ވެއްޓި ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށާއި، 1.9 މިލިއަނަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކުގައި ނުވަތަ ހޮޓާތަކާއި އާންމު ތަންތަނުގައި ހިމާޔަތް ހޯދާފައިވާ ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން ތުރުކީގެ 20 މިލިއަން މީހުންނަށް އަސަރުކޮށްފައިވާއިރު، އދއިން ލަފާކުރާ ގޮތުގައި ސީރިއާގައި 8.8 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އެތައް އަހަރެއްގެ ދާހިލީ ހަނގުރާމައަށްފަހު މިހާރުވެސް އެތައް ބަޔަކު ނާޒުކު ހާލުގައި ދިރިއުޅެމުން ދިޔަ ސޫރިޔާއިން މަދު މައުލޫމާތެއް ވަނީ ލިބިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *