ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޕަބްލިކް ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށްފައެވެ.
އެ އިއުލާނުގައި ވާ ގޮތުން އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@sto.mv އަށް އީމެއިލްކުރެވޭނެ އެވެ. ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ގާއިމުކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.
We are pleased to announce that the application for Board Directorship is now open! Shareholders interested in serving on the Board are invited to submit applications before 10 a.m. on April 24, 2023.
— STO (@stoplc) April 1, 2023
އެސްޓީއޯއިން ބުނެފައިވަނީ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ކަމަށެެވެ. މި މަގާމަށް ވީހާވެސް ގިނަ އަންހެނުން ޝައުގުވެރިކަން ފާޅުކުރުމަށާއި އިންތިހާބަށް ކުރިމަތިލުމަށް އެސްޓީއޯއިން ކުރި އިއުލާނުގައި ބާރުއަޅާފައިވެއެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުންނާއި އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކެރެވޭނީ އެެއް ޑިރެކްޓަރަކު ކަމަށާއި އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބުކުރެވޭން ކަމަށް އެސްޓީއޯއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.