އެމަޖެންސީ ހާލަތްތަކުގައި ކަރަންޓް ދިނުމަށް ސްޓެލްކޯއިން ހުޅުމާލޭގެ ބާ އިންޖީނުގޭގައި ބެކަޕް ޕަވަޕްލާންޓްއެއް ހުޅުވައިފިއެވެ.
އެ އިންޖީނުގެ ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ އެ ކުންފުނީޖެ މެނޭޖިން ޑިރެކްޑަރު އަހްމަދު ޝަރީފްއެވެ.
20.2 މެގަވޮޓްގެ ކެޕޭސިޓީއަކާއެކު ގާއިމްކުރި މި އިންޖިނުގޭގެ މަސައްކަތަކީ ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުންނާއި އެ ކުންފުނީގެ އަތޮޅުތެރެ އާއި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގައި ތިބި އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯގެ މެނޭޖިނގ ޑިރެކްޓާރ ޝަރީފް ވިދާޅުވީ އެތަން ވުޖޫދު ކުރުމުގެ ވިސްނުން އައިސް މަސައްކަތް ފަށާފައިވަނީ ދާދި ފަހުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ އިންޖީނުގެތަކަށް ބާރު ބޮޑުވުމުން ކަމަށެވެ.
މި އެމަޖެންސީ ޕަވަޕްލާންޓާ އެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާ މާލޭގެ ޕަވަ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީ އިތުރުކުރުމަށްވެސް މި އެމަޖެންސީ ޕަވަޕްލާންޓާ އެކު ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަރަންޓް ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، ސްޓެލްކޯ އިން ބުނީ އެފަހަރު ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ ވެސް މައްޗަށް ދިޔަ ކަމަށެވެ.