logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ކޭޕާކް މައްސަލައިގަ ބީއެމްއެލް އަށް ދައުވާކުރަނީ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ހަންބޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ހިންގުމުގެ ތެރޭގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން އެ ކުންފުނީގެ އަނެއް ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)  ހިންގާފައިވާ މުއާމަލާތް ތަކުގެ ސްޓޭޓްމަންޓްތައް ދޭން ބީއެމްއެލްއިން އެއްބާރުލުން ލިބިފައި ނުވާތީ، އެ ބޭންކް އާ ދެކޮޅަށް މައްސަލަ ހުށަހަޅާ ކަމަށެވެ.

ހަންބޯއިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމެންޓް ހޯދުމަށާއި އެކައުންޓްތައް ހުޅުވުމަށް މަމްދޫހުގެ ފަރާތުން ބީއެމްއެލް އަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ.

އެކުންފުނިން ބުނީ ބޭންކްގެ ސަމާލުކަމަށް އެކައުންޓްތަކުގެ މައްސަލަ އޭފްރީލް 27 ގައި ގެނައި ކަމަށާއި އެ ކަން ބޭންކްގެ ސަމާލުކަމަށް ގެނައި ފަހުން ވެސް މަމްދޫހަށް އެކައުންޓްތަކަށް އެކްސެސްވެވޭ ކަމަށެވެ.

ހަންބޯ އިން ވަނީ މަންޑޭގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ކުންފުނިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަމަށް ވެސް ކުރިން ބުނެފައެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *