އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ދިވެހިންތަކެއް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، މައްސަލަ ގޯސްވެފައިވަނިކޮށް، އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ.
ބޮޑުވަޒީރު މޯދީ އިންޑިއާގެ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ އެކު އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ކަމަށް ބަލައި ރާއްޖެ އާއި އިންޑިއާގެ އެކި ފެންވަރުގެ މީހުން ވެސް ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ވަނީ ދީފައެވެ.
އެގޮތުން ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިއްޔެ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. ސަރިކާރުގެ އިސް ތިން އޮފިޝަލަކު އެގޮތަށް މޯދީ އަސް އިޚްތިރާމް ކުޑަކުރުމުން، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ދަނީ ރާއްޖޭގެ ޓޫރިޒަމާއި ދެކޮޅަށް ކެމްޕޭނެއް ކުރަމުންނެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ޝިއުނާ އާއި މަލްޝާ އަދި ޒުވާނުންނާ ބެހޭ ވުޒާރާގެ އަބްދުﷲ މަހްޒޫމް މާޖިދު ވެސް ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބަޔާނެއް ވެސް ނެރުނެވެ.
"ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.