ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މަގު މިސްކިތް ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ކަރަންޓު ޓްރާންސްފޯމަރު މަގުމަތިން ނަގައިފި އެވެ.
މި ޓްރާންސްފޯމަރުތައް އެ ތަނުގައި ހުންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. އޭގެ ސަބަބުން މަގުގެ ޖާގައެއް ގެއްލި، ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ދުއްވަން ވެސް ދަތިވެއެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ތަކުލިފަކަށްވާ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވި އިރުޝާދާއެކު ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންފޯމަރުތައް ނަގައިފައިވާނެ ކަމަށެވެ.
"މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެ މަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތަށް،" ފަހުމީ ވިދާޅުވިއެވެ.
މާވެޔޮމަގު މިސްކިތް ކައިރީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޓްރާންސްފޯމަރު ބަދަލުކުރީ އެ ތަނާ މާ ދުރު ނޫން ސަރަހައްދަކަށެވެ.