ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރުމަށް އެގައުމުން އެއްބަސްވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭގޮތުން ރާއްޖެއާ އިންޑިއާގެ ކަމާއި ބެހޭ އޮފިޝަލުން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ހާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ ސިފައިން ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ކުރުމަށް އެގައުމުން އެއްބަސްވެފައިވާކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވާހަކަތައް ފަށާފައިވަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެގައުމުން މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައިގެން ވާހަކަތައް ކުރިއަށްގެންދާށެވެ.
First High-Level Core Group between the Maldives and India
📃 Press Release | https://t.co/606T8PPQkj pic.twitter.com/YBnvMzg8hL
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 14, 2024
މިގޮތުން ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރާއްޖޭގައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ސަފީރު މުނޫ މަހާވަރު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރުމަށް އެގައުމުން އެއްބަސްވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނި ނަމަވެސް މިކަމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ހުށަހަޅުއްވާފައެވެ.