ރާއްޖެއަކީ ހެޕަޓައިޓިސް ބީ ބަލި ކޮންޓްރޯލު ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
އެޗްޕީއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބަލައިގަތް ކަމަށެވެ.
އެގޮތަށް ކަނޑައެޅީ، ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާތީ އާއި ހެޕަޓައިޓިސް ބީ ފެތުރޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ސާވޭގެ ތެރެއިން، އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން އެ ބަލި ފެނިފައި ނުވާތީ އެވެ.
Maldives has been recognised by WHO today to have controlled Hepatitis B, based on the consistent high coverage of Hepatitis B vaccination for children for many years & the results of the recent Hepatitis B sero-survey which showed zero infections in school-children aged 6-7 yrs.
— Health Protection Agency (@HPA_MV) January 17, 2024
އޭގެ އިތުރުން، މިހާރުވެސް ހެޕަޓައިޓިސް ބީ އަށް މާބަނޑު މީހުން ގަވާއިދުން ސްކްރީންކޮށް ޕޮޒިޓިވް މީހުންނަށް ފަރުވާ ދިނުމާއި، ޕޮޒިޓިވް މައިންނަށް އުފަންވާ ތުއްތު ކުދިންނަށް ޕްރިވެންޓިވް ތެރަޕީދީ، ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހެޕަޓައިޓިސް ބީ އަކީ އިންސާނާގެ ލިވާއަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ޖެހެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެންމީހެއްގެ ހަށިގަނޑަށް ބަލީގެ ވައިރަސް، ލޭ ނުވަތަ ހަށިގަނޑުގެ އެހެން ދިޔައެއްގެ ޒަރިއްޔާއިން ވާސިލްވެގެންނެވެ.