ކަރަންޓް ބިލްތައް ބޮޑުވި މައްސަލާގައި ޖަވާބުދާރީވުމަށްޓަކައި ސްޓެލްކޯއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކޮށްފިއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން މިއަދު ބުނީ، ކަރަންޓް ބިލްތައް ބޮޑުވުި މައްސަލައާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާތީވެ، ބިލާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާކަމަށެވެ.
މިގޮތުން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ކަސްޓަމާ ސާވިސް ނަމްބަރު، 7788438 އަށް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާތައް އީމެއިލް ކުރާނީ billing@stelco.com.mv އެވެ.
ސްޓެލްކޯއިން ބުނީ ބިލާ ގުޅޭގޮތުން ކަސްޓަމަރުން ފޮނުވާ ޝަކުވާތަކަށް 24 ގަޑިއިރުގެ ކުރިން ޖަވާބުދާރީވުމަށް މަސައްކަތްކުރާނެ ކަމަށެވެ. މިދިޔަ ދެމަހުގެ ކަރަންޓްބިލްތައް ބޮޑުވި މައްސަލާގައި ބައެއް ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު، ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ބިލް ބޮޑުވާނީ ކަރަންޓް ބޭނުންކުރި ނިސްބަތް އިތުރުވުމުން ކަމަށެވެ. މިދިޔަ ދުވަސްތަކަކީ ހޫނު ގަދަ ދުވަސްތަކެއް ކަމުން ކަރަންޓް ބޭނުންކުރަމުންދާ ނިސްބަތް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.