logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ބްރިޖުން ފީ ނެގުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ރައީސް ޔާމިނުގެ ރަޢުޔު މިރޭ!

ސިނަމާލެ ބްރިޖުން ފީ ނެގުމަށް ތައްޔާރުވުމަށް ކުރަންޖެހޭ ދިރާސާގެ މަސައްކަތް ފަށާނޭކަން ސަރުކާރުން ބުނެފައިވަނިކޮށް ކުރީގެ ރައީސް ޔާމީނު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވުމަށް ތާވަލްކޮށްފިއެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސަރުކާރުން ވަނީ، ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރުމަށް ފީއެއް ނެގުމަށް ކުރަންޖެހޭ ދިރާސާ އަންނަ މަހު ފެށުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. ބްރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީ ނެގުމުގެ ވާހަކަ ސަރުކާރުން ދެއްކުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އެކަމާއި ގުޅޭގޮތުން ނުރުހުން ފާޅުކުރަމުންނެވެ.

ބްރިޖުން ފީ ނެގުމުގެ ވާހަކަ ބޮޑު ބަހުސަކަށް ވެފައިވަނިކޮށް، ކުރީގެ ރައީސް ޔާމިނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފުން ވަނީ މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައެވެ. މިނިވަންއާ ވާހަކަދައްކަމުން ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވީ، މިރޭގެ ޖަލްސާގައި ރައީސް ޔާމީނު ވާހަކަފުޅު ދައްކަވާނޭ ކަމަށެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ރައީސް ޔާމިނުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުުރައްވާނެ އެއް ދިމާލަކީ މާލެ ހުޅުމާލެ ބްރިޖުން ފީ ނެގުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ މައްޗަށެވެ.

ސިނަމާލެ ބްރިޖްގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންގޮސްފައިވަނީ ރައީސް ޔާމިނުގެ ވެރިކަމުގައެވެ. ބްރިޖުން ފީ އެއް ނެގުމުގެ ވާހަކަ އޭރު ދެކެވުނު ނަމަވެސް ރައީސް ޔާމިނުގެ ސަރުކާރުން ވަނީ އެކަން ދެން އަންނަ ސަރުކާރެއްގެ އަތްމައްޗަށް ދޫކޮށްލާފައެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވުމުގެ ތެރެއިން… ފޮޓޯ/ ޗައިނާ އެމްބަސީ

ރައީސް ޔާމިނަށްފަހު ދެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ސޯލިހުގެ ސަރުކާރުންވެސް ބްރިޖުން ފީ ނަގާފައެއް ނުވެއެވެ. ބްރިޖުން ފީ ނެގުމާ ގުޅޭގޮތުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖަކީ އަސާސީ ހިދުމަތެއްކަމުން ރައްޔިތުންގެ އަތުން ފީއެއް ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ފީއެއް ނެގިނަމަވެސް ނަގާނީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާގޮތަކަށް ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ބްރިޖުން ފީ ނެގުމަށް ދިރާސާ ކުރުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ބުނެފައިވާއިރު، މި ސަރުކާރުން ވެރިކަމަށް އައިސް ބްރިޖުން ފީ ނަގާނޭކަމަށް އޭރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ނިންމާފައި ނުވާނޭ ކަމަށެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސަރުކާރުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ، ސިނަމާލެ ބްރިޖް ޓޯލް ފީ ކަނޑައަޅާ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފަށާނޭ ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ އެހީގައި 210 މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅާފައިވާ ބްރިޖެކެވެ. ޗައިނާ ހާބަރ އިންޖިނިއަރިންގ ކުންފުނިން ޢިމާރާތްކުރި މިބްރިޖްގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ. ބްރިޖް މަސައްކަތް މުޅިން ނިންމައި ރަސްމީކޮށް ހުޅުވާފައިވަނީ، 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *