logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ތުރުކީއަށް އައި ބިންހެލުމުގައި އިމާރާތްތަކެއް ބިމާހަމަވެފައި ފޮޓޯ: އޭއެފްޕީ

ތުރުކީއަށް އައި ބިންހެލުމުގެ މާލީ ގެއްލުން 84 ބިލިއަން ޑޮލަރަށް! 

ތުރުކީ އަށާއި ސޫރިޔާއަށް މިމަހުގެ ހަވަނަ ދުވަހު އައި ދެ ބިންހެލުމުގައި ދެ ގައުމުން 30،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް އިމާރާތްތަކެއް ހަލާކުވެގެން ގޮސްފައިވާއިރު މާލީ ގެއްލުމުގެ އަދަދު 84.1 ބިލިއަން ޑޮލަރަށް ނުވަތަ އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް 10 ޕަސެންޓް އަރާނެ ކަމަށް ތުރުކީގެ ވިޔަފާރި ގްރޫޕަކުން ބުނެފިއެވެ.

ތުރުކީގެ އެންޓަޕްރައިޒް އެންޑް ބިޒްނަސް ކޮންފެޑެރޭޝަނުން މިދިޔަ ހަފުތާ ބަންދުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނީ މާލީ ގެއްލުމުގެ ތެރެއިން 70.75 ބިލިއަން ޑޮލަަކީ ގެތަކައް ލިބުނު ގެއްލުންތައް ކަމަށެވެ. އަދި ގައުމީ އާމްދަނީ ގެއްލުމުގެ އަދަދު 10.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ގްރޫޕޫން އަންދާޒާ ކުރެއެވެ. ވިޔަފާރީވެރިންގެ ގްރޫޕުން ބުނީ މަސައްކަތު ދުވަސްތަކުގައި 2.91 ބިލިއަން ޑޮލަރުގެ އާމްދަނީ ގެއްލޭނެ ކަމަށެވެ.

7.8 މެގްނިޓިއުޑް އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި ސީރިއާގެ ހުޅަނގު އުތުރުގެ އިތުރުން 10 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތުރުކީގެ ހުޅަނގު ދެކުނުގެ 10 ޕްރޮވިންސަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި އަލުން އާރާސްތު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ޖުމްލަ ހަރަދު އެނގޭނެ ކަމަށް ނުބެލެވޭ އިރު، ވޯލްޑް ބޭންކުން މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް ފެރިޑް ބެލްހާޖް ވިދާޅުވި ގޮތުގައި ތުރުކީ އާއި ސީރިއާގެ އެކި ކަންކޮޅުތަކުގައި އަލުން އާރާސްތުކުރުން ބިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

1999 ވަނަ އަހަރު ތުރުކީގެ އިޒްމިޓް ސިޓީ އަށް އައި ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އެ ބިންހެލުމުގައި 51.1 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ.

ގެތަކަށް ލިބުނު މާލީ ގެއްލުމުގެ އަދަދު އަންދާޒާ ކޮށްފައިވާއިރު، ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކާއި ގުޅޭ 113 މީހަކު ހައްޔަރުކުރަން ވަނީ ނިންމާފިއެވެ.

ތުރުކީއަށް އައި ބިންހެލުންތަކަކީ ބާރުގަދަ ބިންހެލުންތަކަކަށްވީ ނަމަވެސް، ހާލުގައި ޖެހުނު މީހުންނާއި ތަޖުރިބާކާރުންނާއި ބުނަނީ އެހާ ގިނަ އިމާރާތްތަކެއް ވެއްޓުނީ އެންމެ އެކަށީގެންވާ ވަރަށް އިމާރާތްތައް ހަދާފައި ނެތުމުން ކަމަށެވެ.

ތުރުކީގެ ނައިބު ރައީސް ފުއާޓް އޮކްޓޭ ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު 10 ޕްރޮވިންސުން ވެއްޓުނު އިމާރާތްތަކާއި ގުޅުންހުރި 131 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 113 މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެފައިވާ ކަމަށް އޮކްޓޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *