22 ޖެނުއަރީ 2025

މިއަހަރު ވެގެންދާނީ ރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުތަކާއި، މެނިފެސްޓޯގެ ވަޢުދުތައް ފުއްދަން ފަށާ އަހަރަށް: ރައީސް ޑރ.މުއިއްޒު

މިނިވަން
14 ދުވަސް ކުރިން
މިއަހަރު ވެގެންދާނީ ރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުތަކާއި، މެނިފެސްޓޯގައި ހިމަނުއްވާފައިހުރި ވަޢުދުތައް، ފުއްދެވުމުގެ ޢަމަލީ މަސައްކަތް ކުރައްވާނެ އަހަރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓި ދަތުރުފުޅުގެ ތެރެއިން ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަހަރު ވެގެންދާނީ ރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުތަށް ފުއްދުމުގެ އަމަލީ މަސައްކަތް ފަށާ އަހަރަށް ކަމަށާއި، ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، އުދައެރުމުގެ މައްސަލައަށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ގޮތަކަށް ޙައްލު ހޯދައިދެއްވާނެކަމަށެވެ. އަދި ތަޢުލީމާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ އެކި ވަޞީލަތްތައް ޤާއިމުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހޯނޑެއްދޫ މަގުހެދުމަށް ވެވަޑައިގެންނެވި ވަޢުދު، މިއަހަރާ މިއަންނަ އަހަރު ފުއްދަވާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާ ކައިރި ފަޅުރަށްތަކުގައި އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައެވެ. މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާ ހައުސިންގ މަޝްރޫޢުތައް ފެށުމުގެ ބަޖެޓެއްކަން ފާހަގަކުރައްވައި، ރަށްރަށުގައި ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުތައްވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހޯނޑެއްދޫގެ ހައުސިންގ މަޝްރޫޢޫވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދަކީވެސް ފުއްދެވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކެއްކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙